ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެ 121 އަށް އަރައިފި

ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) ޖެހިފައިވާ މީހުންގެ އަދަދު ކުރީ ހަފުތާއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެ، 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެން (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.  
އެޗްޕީއޭއިން މިދިޔަ ހަފުތާ ނިމުނުއިރު ހިއްސާކުރި ތަފާސްހިސާބުތަކުގައި ވަނީ އެ މަސް ނިމުނުއިރު އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 66 އެވެ.
ހުސްވި ހަފުތާގެ ތެރޭގައި އެކަނި 55 މީހެއްގެ ގައިން މި ބަލި ފެނިފައިވެ އެވެ. މިއީ އޭގެ ކުރީ ހަފުތާގައި މި ބައްޔަށް ޕޮޒިޓިވްވީ 44 މީހުންނަށް ވުރެ އިތުރު އަދަދެއް ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގަޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ. 
އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ފެތުރެމުންދާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
އޭގެ އިތުރުން، ންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ. 
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ