މައިކްރޯސޮފްޓް ޓީމްސް އަށް އޭއައި ފެސިލިޓޭޓަރަކާއެކު އައު ފީޗާތަކެއް ތައާރަފްކުރަނީ
މައިކްރޯސޮފްޓް ޓީމްސް އަށް އޭއައި ފެސިލިޓޭޓަރަކާއެކު އައު ފީޗާތަކެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ. މައިކްރޯސޮފްޓް ޓީމްސް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ފީޗާތަކަކާއި، ޗެޓްތައް ބެލެހެއްޓުމަށް ފަސޭހަ އައު ގޮތްތަކެއް ތައާރަފްކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާއިރު، މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މީޓިންތަކުގެ ތެރޭގައި މައުލޫމާތުގެ އުނިކަން އަންނަ ދަނޑިވަޅުތައް ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާ "އޭއައި ފެސިލިޓޭޓާ"އެވެ. މައިކްރޯސޮފްޓްގެ އެޑްމިން ޕޯޓަލްއިން ފެނިފައިވާ މި ފީޗާތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާންމުކޮށް ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އައު "އޭއައި ފެސިލިޓޭޓާ" އަކީ މީޓިންގެ ބައިވެރިންގެ މެދުގައި ދެކެވޭ ވާހަކަތައް ދިރާސާކޮށް، އެއްވެސް ކަމެއް ސާފުނުވެގެން އުޅޭނަމަ ނުވަތަ އިތުރު މައުލޫމާތު ބޭނުންވާނަމަ އެކަން ދެނެގަންނާނެ ސިސްޓަމެކެވެ. މިގޮތަށް މައުލޫމާތުގެ އުނިކަމެއް ފާހަގަކުރެވިއްޖެނަމަ، ވެބް ސާޗް މެދުވެރިކޮށް އަމިއްލައަށް ޖަވާބުތައް ހޯދައި، މީޓިންގެ ޗެޓް ރޫމަށް އެ މައުލޫމާތު މި ފީޗާގެ އެހީގައި ފޮނުވައިދޭނެއެވެ. ނަމަވެސް، މި ފީޗާއަކީ ބޭނުންނަމަ ނިއްވާލެވޭ ގޮތަށް ހުންނަ، އަދި މީޓިންގެ ބޭރުގެ މެހެމާނުންނަށް ބޭނުން ނުކުރެވޭނެ ފީޗާއެކެވެ. https://sun.mv/194170 މީގެ އިތުރުން، މީޓިންތަކުގެ ނޯޓްސް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްދޭ ފީޗާ، ވިންޑޯޒްގައި ހުންނަ "ޓީމްސް ރޫމްސް" އަށް ވެސް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން ހަމައެކަނި އޮންލައިން މީޓިންތަކަށް ޚާއްސަ މި ފީޗާ، އަންނަ އޮގަސްޓް މަހުން ފެށިގެން އާންމުކޮށް ބާއްވާ މީޓިންތަކުގައި ވެސް ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މީޓިންގެ މުހިންމު ނިންމުންތަކާއި ކުރަންޖެހޭ ކަންކަން ރިއަލް-ޓައިމްކޮށް ނޯޓު ކުރެވެމުންދާނެއެވެ. ޓީމްސްގެ ޗެޓް ސެކްޝަނަށް ވެސް މި އަޕްޑޭޓުގައި ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން މިއުޓްކޮށްފައި ހުންނަ ޗެޓްތަކާއި މީޓިންތަކުގެ ޗެޓްތައް ވަކި ސެކްޝަންތަކަކަށް ބަހާލެވި، މެސެޖުތައް ތަރުތީބުކޮށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. މީގެއިތުރުން ވެސް މީޓިންތަކަށް ބޭރުގެ މެހެމާނުންނަށް ފޮނުވާ އިންވިޓޭޝަންތައް، މީގެ ކުރިން ފޮނުވާ "ނޯ-ރިޕްލައި" އެޑްރެހުގެ ބަދަލުގައި، މީޓިން އިންތިޒާމުކުރާ މީހާގެ އަމިއްލަ އީމެއިލް އެޑްރެހުން ދާގޮތަށް ވެސް މި މަހުގެ ނިޔަލަށް ބަދަލުކުރެވޭނެއެވެ. މައިކްރޯސޮފްޓް ޓީމްސް އަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގައި ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހުނު ދުވަސްވަރު، މުވައްޒަފުންގެ މެދުގައި މުވާސަލާތު ކުރުމަށާއި އޮންލައިން މީޓިންތައް ބޭއްވުމަށް އެންމެ މަގުބޫލުވި އެއް ޕްލެޓްފޯމެވެ. ބަލިމަޑުކަމަށްފަހު ގިނަ ކުންފުނިތަކަކުން އޮފީހަށް ނިކުމެގެންނާއި ގޭގައި ތިބެގެން މަސައްކަތްކުރާ "ހައިބްރިޑް" މޮޑެލްއަށް ބަދަލުވުމާ ގުޅިގެން، މައިކްރޯސޮފްޓުން ދަނީ އެ ކުންފުނީގެ "ކޯޕައިލެޓް" އޭއައި ސިސްޓަމް ޓީމްސްގެ ތެރެއަށް ފުޅާދާއިރާއެއްގައި ތައާރަފްކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް މީޓިންތައް ޚުލާސާކުރުމާއި، ވާހަކަދެކެވޭ ބަސް އެހެން ބަސްބަހަށް ތަރުޖަމާކޮށްދޭ ފީޗާތައް ތައާރަފްކޮށްފައިވާއިރު، މިފަހަރު ގެންނަ ބަދަލުތަކަކީ އޮފީހަށް ހާޒިރުވެގެން ބާއްވާ މީޓިންތަކާއި އޮންލައިން މީޓިންތައް އިތުރަށް ގުޅުވައިދީ، މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ