އެމްޕީއެލްއިން ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރުންޓު ލިބޭނެ ގޮތް ހަދައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނޯތު ހާބަރުގެ 'އޭ ޒޯން' އިން އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު މިއަދު ގާއިމްކޮށްފިއެވެ. އެކަން އިއުލާނުކޮށް އެމްޕީއެލްއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވަނީ 'އޭ ޒޯނު'ގައި ދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ގާއިމްކުރުމަށް އެ ކުންފުނިން ކުރަމުންގެންދިޔަ މަސައްކަތް ފުރިހަމަކުރުމަށް ފަހު މިއަދު އެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މީގެ ކުރީން ނޯތު ހާބަރުގެ އޭ ޒޯނަށް ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ ހަމައެކަނި ބީ ޒޯނާއި ސީ ޒޯނަށެވެ. އެމްޕީއެލްއިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓު ފުރިހަމަކޮށް، ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާއެކު، އޭ ޒޯނުން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށެވެ. އެއާއެކު އެ ކުންފުނިން އެ އޭ ޒޯނަށް އެ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިއަހަރުގެ މާޗް މަހުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭ ޒޯނުން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ އެ ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. އެމްޕީއެލްއިން ބުނި ގޮތުގައި އެ ސަރަހައްދުން މިހާރު އެއްފަަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ފެން ފޯރުކޮށްދޭ 16 ޕޮއިންޓެއް އެ ސަރަހައްދުގައި މިހާރު ގާއިމްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ