ތިނަދޫގައި ސްކޫލް ކުދިން ކަރުދާހުން ފަންކާ ހަދައިގެން ބަހަނީ

އިންޖީނުގޭގައި ރޯވެ އަނދާ ހުލުވިވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ގދ. ތިނަދޫގައި މިހާރު އެންމެ ބޮޑު ހިތްދަތިކަމަކަށް ވެފައި ވަނީ ހޫނު ގަދަވުމެވެ. ކަރަންޓު ނެތުމުން ފަންކާއެއް އޭސީއެއް ނުޖެއްސި، ހޫނުވާތީ ކުޑަކުދިން ވަނީ އަރާމު ނިިދިން މަހުރޫމުވެފަ އެވެ. ކަރަންޓު ލިބޭނެއިރެއް އަދިވެސް ކަށަވަރު ނުވާތީ މި ހޫނުން ސަލާމަތްވާނެ އިރެއް ވެސް ނޭނގެ އެވެ. މި އުނދަގޫ ވަގުތު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ބޯކަރުދާހުގައި ފަންކާތަކެއް ހަދައިގެން އާއްމުންނަށް ބަހަން މިހާރު ވަނީ ނިންމައިފަ އެވެ. މިރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރު އައިމިނަތު ނައުމާ "ހަވީރަ"ށް ވިދާޅުވީ އެ ސްކޫލްގެ ސްކައުޓް އަދި ގާލްގައިޑް ކުދިން ތައްޔާރުކުރާ ފަންކާތައް މިއަދު ހަވީރު ބަހަން ފަށާނެ ކަމަށެވެ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ބޯ ކަރުދާހުގައި ތައްޔާރުކުރި ފަންކާތަކެއް ދައްކާލަނީ: އެ ފަންކާތައް މިއަދު ބަހަން ފަށާނެ. ހަވީރު ފޮޓޯ: ނިޝާން އަލީ "އަޅުގަނޑުމެން ނިންމާފައި ވަނީ 500 ފަންކާ ހެދުމަށްފަހު ބަހަން. މިއަދު ހެނދުނުން ފެށިގެން މިހާތަނަށް 300 އެއްހާ ފަންކާ ހަދައި ނިމިއްޖެ،" އޭނާ ވިދާޅުވި އެވެ. ފަންކާ ހަދަނީ އެ ސްކޫލަށް އަލަށް ގެނައި ކޮމްޕިއުޓަރު ސިސްޓަމްތައް އަޅާފައި ހުރި ފޮށިތަކާއި ރަށުގެ ފިހާރަތަކުން ހޯދި ފޮށިގަނޑުތައް ބޭނުންކޮށްގެންނެވެ. "ހަވީރު"ގެ ނޫސްވެރިން އެ ސްކޫލަށް ދިޔައިރު އެތަނުގައި ތިރީހަކަށް ދަރިވަރުން ފަންކާ ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ގެންދިޔަ އެވެ. "ކަރަންޓް ނެތީމަ ހޫނު ގަދަވެގެން ވަރަށް ގިނަ މީހުންނަށް ރޭ ވެސް ނުނިދޭ. އެހެންވެ އާއްމުނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަހަން ތައްޔާރުކުރާ ފަންކާތަކެއް މިއީ،" ނައުމާ ވިދާޅުވި އެވެ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ބޯ ކަރުދާހުގައި ފަންކާތަކެއް ތައްޔާރުކުރަނީ: އެ ފަންކާތައް މިއަދު ބަހަން ފަށާނެ. ހަވީރު ފޮޓޯ: ނިޝާން އަލީ އެ ސްކޫލްގެ ގައިޑް ކުދިންނާއި ސްކައުޓް ކުދިން ފަންކާ ތައްޔާރުކުރަމުންދިޔައިރު، ކެޑޭޓްކޯގެ ދަރިވަރުން ދިޔައީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ސާފުތެޔޮ ފުޅިތަކަށް އެޅުމުގެ މަސައްކަތްކުރަމުންނެވެ. ތިނަދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށުން ކަރަންޓް ކެނޑުމާ ގުޅިގެން ތިން ސްކޫލްގެ ކިޔެވުން އިއްޔެއިން ފެށިގެން މި ހަފުތާގެ ނިޔަލަށް ވަނީ މެދުކަނޑާލައިފަ އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ މި ރަށަށް ވަގުތީ ގޮތުން ކަރަންޓް ދޫކުރެވޭވަރުވާނީ އަންނަ ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ