އުނގޫފާރު ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރުމަށް ޕީޕީއެމްގެ ޓީމެއް އުނގޫފާރަށް
ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން އެ ގޮނޑި އަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ކެމްޕޭނަށް ޕީޕީއެމްގެ ޓީމެއް އުނގޫފާރަށް މިއަދު ފުރައިފި އެވެ. އެ ރަށަށް ފުރުމުގެ ކުރިން އެއް ނަމްބަރު ޖެޓީ ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، އަފްރާޝީމް ނިސްބަތްވެ ވަޑައިގެންނެވި ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އުނގޫފާރު ދާއިރާގެ ގޮނޑި އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ކުރިން އެ ގޮނޑި ފުރުއްވި ޑރ. އަފްރާޝީމް އެ ގޮނޑި ކާމިޔާބު ކުރެއްވީ 47 ވޯޓުގެ ތަފާތަކުން ނަމަވެސް މި ފަހަރު ކާމިޔާބު ހޯދާނީ 300 ވޯޓުގެ ތަފާތަކުން ކަމަށް ވެސް ވިދާޅުވި އެވެ. އުނގޫފާރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަ ކުރައްވަނީ އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީމެވެ. ކެމްޕޭނަށް ޕީޕީއެމްގެ ޓީމެއް މިއަދު އުނގޫފާރަށް ފުރި އިރު، އުތުރުގެ އަތޮޅުތަކަށް އެމްޑީޕީން މިހާރު ފަށާފައިވާ "ވައުދުގެ ދަތުރު" ވެސް ވަނީ އުނގޫފާރުގެ ދާއިރާގެ ރަށްތަކަށް ބަދަލު ކޮށްފަ އެވެ. މިކަމަށް މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެކުވެރި މެމްބަރަކު ފުރުއްވި ގޮނޑި ހޯދުމަށް އެ ޕާޓީން އެހާ ބޮޑު ކެމްޕޭނެއް ކުރާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރެއް އެފަދަ ގޮތަކަށް އަވަހާރަކޮށްލި ނަމަ އެ ގޮނޑިއަށް ޕީޕީއެމުން ވާދަވެސް ނުކުރީސް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެކަމަކު އެމްޑީޕީން ބޮޑު ކެމްޕޭނެއް ކުރި ނަމަވެސް، އެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. "ޝަހީދު ކޮށްލެވުނު މީހެއްގެ ގޮނޑިއަށް މި ވަރަށް އެމްޑީޕީން ހިފާތީ އަޅުގަނޑުމެން ދެރަވެ ހިތާމަ ކުރަން. އަޅުގަނޑުމެން ހީކުރީ ވެސް މި ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާނެ ކަމަށް. މަޖިލީހުގައި އެހެން ދައްކަނިކޮށް ވެސް އަޅުގަނޑުމެން އަޑުއެހިން. އެކަމަކު ދުވަހަކު ވެސް އެ މީހުން ކެމްޕޭން ނުކުރާ ވަރަށް، މި ގޮނޑި ހޯދުމަށް މިހާރު ކުރާތީ ކަންބޮޑުވަން،" މަހުލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވިީ އަފްރާޝީމްގެ މަރާ ގުޅިގެން ތަފާތު ވާހަކަތައް އިވޭ ކަމަށާއި އެކަމަކު އެ މަރުގެ ތުހުމަތު އެއްވެސް ބައެއްގެ ބޮލުގައި އެޅުވުމަށް ޕީޕީއެމުން މަސައްކަތް ނުކުރާ ކަމަށެވެ. "އަޅުގަނޑު ޕާސަނަލީ އެދެނީ އިންތިހާބު ބޯމަތީގައި އޮތުމުން އިންތިހާބަށް ފަހު ނޫނީ މި ތަހުގީގު އާއްމު ނުކުރުމަށް. އެހެން ނޫންނަމަ މިހާރަށް ވުރެ ބޮޑަށް މި މީހުން މިކަން ސިޔާސީ ކޮށްލަން މަސައްކަތް ކޮށްފާނެ." މަހުލޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ