މުހައްމަދު ޖުނައިދު
ރައްޔިތުންގެ މަޖުލީސް ކޮންމެ އަހަރަކު ހުޅުވާ ދުވަހާއި ދިމާކޮށް ރައީސް އިއްވާ ރިޔާސީ ބަޔާން މިފަހަރު އިއްވަމުންދާއިރު އާންމުންނަށާއި ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކޮށް އެތަނަށް އެގަޑީގައި ވަނުން ފުލުހުން މަނާކޮށްފި އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން މާދަމާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވަވާނީ މާލޭގެ 15 ސަރަހައްދެއް ބަންދުކޮށްގެން ކަމަށެވެ. އަދި އެސަރަހައްދުތައް ބަންދުކުރަނީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ވަނީ "ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލުކުރެވޭ ނަމަ، ނުވަތަ އެއްވެސް މަގެއް ނުވަތަ ސަރަހައްދެއްގައި ގާނޫނާއި ހިލާފު އަމަލެއް ހިނގާނަމަ ނުވަތަ ހިނގާފާނެކަމަށް ގަބޫލުކުރެވޭ ނަމަ، އެމަގެއް ނުވަތަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ އެއްވެސް މީހަކު ނުވަތަ ބަޔަކު އެމަގަށް ނުވަތަ އެސަރަހައްދަށް ނުވަނުމަށް އެންގުމުގެ ބާރު ފުލުހުން ލިބިގެންވޭ" މިހެންނެވެ.
ފުލުހުން ބަންދުކޮށްފައި ވަނީ ބޮޑުތަކުރުފާނުމަގުން އެމްއެމްއަޭ ސަރަހައްދުން ފެށިގެން ބޭންކު އޮފް މޯލްޑިވްސް މައި ބްރާންޗާއި ހަމައަށެވެ. އަދި އެއްގަމުން ގޮސް ސޯސަންމަގާއި ރޯޝަނީ މަގާއި ގުޅުނު ހިސާބަށެވެ. އެމްއެމްއޭ ސަރަހައްދުން ފެށިގެން ލިލީމަގާ ހިސާބަށް އަންނަން އޮންނަ އިރަށްހުރި ހުރިހާ މަގެއްވެސް ވަނީ ބަންދުކޮށްފައެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މާދަމާ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއާއި ގުޅިގެން ބަންދުކުރަން ޖެހިއްޖެ އިތުރު ސަރަހައްދުތައްވެސް ބަންދުކުރަމުންދާނެ ކަމަށެވެ. ފުލުހުން ވަނީ މިގޮތަށް މަގުތައް ބަންދުކުރެވޭއިރު، މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރާއްޖޭގެ ރައީސްއެއް ރިޔާސީ ބަޔާނެއް އިއްވެވުމަށްޓަކައި މާލޭގެ މިހާ ބޮޑު ސަރަހައްދެއް ބަންދުކޮށްފައެއްނުވެއެވެ. ރައީސް ނަޝީދުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްފައިވާއިރު، ރައީސް މައުމޫނުގެ ވެރިކަމުގައިވެސް މިހާ ބޮޑު ސަރަހައްދެއް ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ބަންދުކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މާދަމާ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދު ތައްޔާރުވަމުންދާއިރު، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ރައީސް ވަހީދަށް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި ކުރީގެ ރައީސް ނަޝީދުވެސް ވަނީ ރިޔާސީ ބަޔާން އިއްވެވުމުގެ ފުރުސަތު ރައީސް ވަހީދަށް ދެއްވައިފިނަމަ ރައްޔިތުންގެ މަޖިލިސްވެސް "ތަޣައްޔަރު" ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ރިޔާސީ ބަޔާން އިއްވަވާނީ މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކޮށްގެން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ