ޑރ ސައުދު އެނބުރި ޕީޕީއެމްއަށް ވަޑައިގެންނެވުމަށް އުމަރު ގޮވާލައްވައިފި

އަހުމަދު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓަކު ވާދަކުރަން ނިންމާފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް ތާޢީދުކުރަމުން ގެންދާތީ އުފެދުނު ނުތަނަވަސްކަމުގައި ޕީޕީއެމްއިން ވަކިވި އެޕާޓީގެ ކައުންސިލް މެމްބަރު ޑރ މުހައްމަދު ސައުދު އެނބުރި ޕީޕީއެމްއަށް ވަޑައިގެންނެވުމަށް އެޕާޓީގެ އިންތިޤާލީ ނައިބު ރައީސް އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
ކާށިދޫ ގޮނޑިއަށް ޕީޕީއެމްއިން ކުރިމަތި ލާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ނަން އަނބުރާ ގެންނެވިކަން ޢިޢުލާން ކުރެއްވުމަށް ރޭ ބޭއްވި ނިއުސްކޮންފަރެންގައި އުމަރު ވިދާޅުވީ ކާށިދޫ ދާއިރާގެ ކެނޑިޑޭޓްގެ މައްސަލާގައި ޑރ ސައުދު ޕީޕީއެމް ދޫކޮށް ވަޑައި ގެންނެވުމުން އެކަމާއި ހިތާމަކުރައްވާކަމަށެވެ.
ނަމަވެސް ޑރ ސައުދު އެނބުރި ޕީޕީއެމްއަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާކަމަށާއި ޑރ ސައުދަކީ ޕީޕީއެމްއަށް ވަރަށް މުހިއްމު ބޭފުޅެއްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ ކެނޑިޑޭޓްގެ މައްސަލާގައި އުފެދުނު ހިޔާލްތަފާތުވުމުގެ ތެރެއިން ޑރ ސައުދު ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ