އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް ހަރަކާތްތެރިވީ ފަރާތްތަކުން ވެސް ޒިންމާވާން ޖެހޭނެ: ރިޕޯޓު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގާނޫނު އަސާސީއާއި ހިލާފަށް ހައްޔަރު ކުރުމަށް އަމުރު ކުރި ފަރާތްތަކާއި އަމުރު ތަންފީޒު ކުރުމުގައި ބައިވެރިވީ ފަރާތްތަކުން ވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.
އެޗްއާރުސީއެމުން އިއްޔެ އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ އެކަމުގެ ޒިންމާ އުފުއްލަވާނީ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބުރާހީމު ކަމަށް ސިފައިން ކައިރީ އެދެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަބުދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެންމެ އިސްފަރާތަކީ ރައީސް ނަޝީދު ކަމަށާއި ރައީސް ނަޝީދުގެ ދަށުން އެއަމަލުތައް ތަންފީޒު ކުރުމަށް ސިފައިންނަށް އަންގަވާފައިވަނީ ޑިފެންސް މިނިސްޓަރު ތަލުހަތު ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އަބުދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފުން ކަމަށްވާތީ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެއަމުރުތަކަށް ތަބާވި ފަރާތްތަކުން ވެސް އެކި މިންވަރަށް ޒިންމާވާން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަބުދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެމްއެންޑީއެފަށް ފުލުހުން އެހީތެރިވެފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
އެގޮތުން އެވަގުތު އެސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ ކަމަށާއި، އެގެ ސިފައިންނަށް ދައްކާ، އަބުދުﷲ ގާޒީ އައިޑެންޓިފައިކޮސްދީފައިވާ ކަމަށާއި އެގެއަށް ވަދެފައިވާ ކަމަށާއި، އެވަގުތު އެގެއަށް ވަދެ ނުކުމެ އުޅުނު ފަރާތްތައް ހިފަހައްޓާ ސުވާލުކޮށް ހަދާފައިވާ ކަމަށް އެޗްއާރުސީއެމުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެހެން ކަމުން ފުލުހުން ވެސް ގާނޫނާ ފުލުހުންގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށާއި، ފުލުހުން އަދާކޮށްފައިވާ ދައުރު ބަލާ ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އެޗްއާރުސީއެމުން އަންގާފައިވެއެވެ.
އެޗްއާރުސީއެމުން އިއްޔެ އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދިނުމަށައި ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ދިއުމަށް ހައްޔަރުގައި ބަހައްޓައިގެން އަބުދުﷲ ގާޒީއަށް ހުށަހަޅާފައިވަނީ ގިރިފުށީގައި ހުންނެވި އިރު އޭނާގެ ކައިރިއަށް ފޮނުވި ސައިކޮލޮޖިސްޓަކު ލައްވައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް އަމުރު ކުރި ފަރާތްތަކާއި އެއަމުރުތަކަށް ތަބާވި ފަރާތްތަކުން އެކި މިންވަރަށް ޒިންމާވާން ޖެހޭނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާ އިރު، އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން މިހާތަނަށް ދައުވާ އުފުލަން ނިންމާފައިވަނީ ފަސް ފަރާތަކާއި މެދުއެވެ.
އެއީ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބުރާހީމު ކަލޭފާނާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އަދި މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމު ދީދީއާއި އޮޕަރޭޝަންސް ޑައިރެކްޓްރޭޓްގެ ހެޑަކަށް ހުންނެވި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް އެކަންޏެވެ.
އަބުދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެޗްއާރުސީއެމުން ބުނެފައިވާ އިރު، ގާނޫނު އަސާސީގެ 245 ވަނަ މާޡއްދާގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން ސަލާމަތީ ބާރުތަކަށް ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމަށައި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް ފަރާތަކުން ތަބާ ވެގެން ވެސް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ