ކަރަންޓް ސަބްސިޑީ ކަނޑައެއް ނުލާ، ހުށަހެޅި ފޯމުތައް މި އަންނަނީ ޕްރޮސެސްކުރަމުން: އެންސްޕާ
ކަރަންޓް ސަބްސިޑީ އަށް އެދި މާލެ އާއި އަތޮޅުތަކުން ހުށަހެޅި ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަ ކުރިއަށް ދާ ކަމަށާއި ކުރިން ދެމުން އައި ސަބްސިޑީ ކަނޑާނުލާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ. ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީކުރަން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ މަހު 9ގަ އެެވެ. އޭގެ ފަހުން މަހެއްވި އިރު، ކަރަންޓް ސަބްސިޑީއާ ބެހޭ މާބޮޑު ތަފްސީލެއް އެންސްޕާ އިން ހާމަ ނުކުރާތީ ބައެއް މީހުން ތިބީ ވާނުވާއެއް ނޭނގިފަ އެވެ. ސަބްސިޑީއާ ގުޅޭ ގޮތުން "ހަވީރުން" ސުވާލު ދެންނެވުމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކަރަންޓް ސަބްސިޑީ ފޯމުތައް ޕްރޮސެސްކުރުން ކަމަށެވެ. އެ މުއްދަތުގައި ކުރިން ދެމުން އައި އުސޫލުން ހުރިހާ ރައްޔިތުންނަށް ސަބްސިޑީ ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު ކުރިއަށް މިދަނީ ކަރަންޓް ސަބްސިޑީ ފޯމުތައް [މައުލޫމާތުތައް] ސޮފްޓްވެއާ އަށް އެޅުމުގެ މަސައްކަތް،" މުޖުތަބާ ވިދާޅުވި އެވެ. ކަރަންޓް ސަބްސިޑީ ފޯމު ބަޔަކު ފުރަނީ: މިހާރު ކުރިއަށް ގެންދަނީ ފޯމުތައް ޕްރޮސެސްކުރުން ކަމަށް އެންސްޕާ އިން ބުނޭ. --ހަވީރު ފޮޓޯ: ނިޝާން އަލީ ފޯމުތައް ޕްރޮސެސްކޮށް ނިމޭނެ ދުވަހެއް އަދި ސަބްސިޑީ ދޭނެ އުސޫލެއް ވެސް އޭނާ ވިދާޅެއްނުވެ އެވެ. ކަރަންޓް ސަބްސިޑީ އަށް އެދި މާލެ އާއި އަތޮޅުތަކުން ފޯމު ހުށަހެޅި އަދަދެއް ވެސް އެންސްޕާ އިން މިހާތަނަށް އާއްމެއް ނުކުރެ އެވެ. އެންސްޕާ އިން ކުރިން ބުނެފައިވާ ގޮތުގައި ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރަން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލީ މުއްސަނދިންނަށް ސަބްސިޑީ ދިނުން ހުއްޓާލައި، ހައްގުވެރިންނަށް ދިނުމަށެވެ. އަދި ސަބްސިޑީ ދޭނެ އުސޫލެއް ވެސް އެކުލަވާލަމުން އަންނަ ކަމަށް އޭރު އެންސްޕާ އިން ވަނީ ބުނެފަ އެވެ. ކަރަންޓް ސަބްސިޑީ އަށް ދައުލަތުގެ ބަޖެޓުން ހޭދަކުރަން ޖެހޭ މިންވަރު ބިލިއަނަކާ ގާތްކުރާ އިރު، މި ފައިސާ ދޫކުރަނީ އެންމެ ހައްގުވެރިންނަށް ނޫން ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ. އެ ބޭންކުން ނެރުނު ރިޕޯޓެއްގައި، ކަންބޮޑުވުމާއެކު ފާހަގަކޮށްފައި ވަނީ، ސަބްސިޑީގެ ފައިދާ ރާއްޖޭގައި ބޮޑަށް ކުރަނީ މާލީ ފުދުންތެރިކަން ހުންނަ މީހުންނަށް ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުން މާލީ ފުދުންތެރިކަން ނުހުންނަ މީހުންގެ ތެރެއިން ސަބްސިޑީގެ ފައިދާކުރަނީ އެންމެ 12 ޕަސެންްޓް މީހުންނަށެވެ. އަދި ސަބްސިޑީ ދޫކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައި ނެތުމުން އޭގެ އަސަރު ރާއްޖޭގެ މާލިއްޔަތަށް ވަރަށް ބޮޑަށް ކުރާނެ ކަން ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ. އެންސްޕާގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2010 ވަނަ އަހަރު ސަބްސިޑީ ތައާރަފްކުރީ 90 މިލިއަން ރުފިޔާ އިންނެވެ. އެކަމަކު 2011 ގައި 410 މިލިއަން އަދި 2012 ގައި 458 މިލިއަން ރުފިޔާ ސަބްސިޑީ އަށް ހޭދަކުރަން ޖެހުނެވެ. ސަބްސިޑީގެ ގޮތުގައި 2013 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 750 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނުއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 900 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ