'އުދަބާނި'، 'މާފެއް ނެތް' ފަދަ މޮޅެތި ވާހަކަތަކަށް ފަހު ޤާސިމްގެ 'ގިލަން' އަންނަ ހަފުތާގައި އޮލިމްޕަހަށް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ޤާސިމްގެ ވާހަކަ "ގިލަން" ގެ މައްޗަށް އުފައްދާފައިވާ ފިލްމު އަންނަ ހަފުތާގެ އަންގާރަ ދުވަހު ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެއެވެ. "ގިލަން"އަކީ ރާއްޖޭގެ ވާހަކަ ކިޔާ އުޅޭ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު ވާހަކައެކެވެ. ދިވެހިރާއްޖޭގެ އަޑުން މި ވާހަކައިގެ މައްޗަށް ތައްޔާރުކުރި ރޭޑިއޯ ޑްރާމާއަށް ވެސް އަޑުއެހުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. ގިނަ ދިވެހީންގެ ތެރޭގައި މަޝްހޫރު ޤާސިމް، ލިޔުންތެރިކަމުގެ ދާއިރާއަށް ނުކުތީ އުމުރުން އެންމެ 17 އަހަރުގައެވެ. އއ. މަތިވެރިއަށް އުފަން އޭނާ އެންމެ ފުރަތަމަ ލިޔުނީ "ލޯތްބެއްގެ ނިމުން" ނަމަކަށް ކިޔާ ކުރު ވާހަކައެކެވެ. ނަމަވެސް، އެ ވާހަކަ އާންމުންނާ ހަމައަށް ފޯރާފައެއް ނުވެއެވެ. އޭނާގެ ވާހަކައެއް އާންމުންނަށް އެންމެ ފުރަތަމަ ކިޔާލަން ލިބުނީ 1997 ވަނަ އަހަރު "މިއަދު" ނޫހުގައި ޝާއިޢުކުރި "އުދަބާނި"އެވެ. އެ ވާހަކައަށް ފިލްމެއް އުފައްދައި، ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ހޯދާފައެވެ. އޭގެ ފަހުން ވެސް އޭނާގެ މަގުބޫލު ބައެއް ވާހަކަތައް ކަމަށްވާ "ހަ ފަރާތް"، "އެ ދަތުރު" އަދި "ވަކިނުވި ނަމަ" ފަދަ ވާހަކަތަކަށް ފިލްމު އުފައްދައި, ސިނަމާތަކުގައި ވަނީ ދައްކާފައެވެ. "ގިލަން" ފިލްމުގެ ސްކްރިޕްޓް ވެސް ލިޔެފައިވާ ޤާސިމް ހުރީ މި ފިލްމާ މެދު ވަރަށް ބޮޑު އުއްމީދެއްގައެވެ. އޭނާ ބުނީ، މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، ރަނގަޅު ފެންވަރެއްގައި އުފައްދައިގެން ފިލްމެއްގެ ސިފައިގައި 'ގިލަން' ބެލުންތެރިންނާ ހަމައަށް އަންނައިރު، ބެލުންތެރިންގެ ތަރުހީބު ކުޑަވާނެ ކަމަކަށް ޤާސިމް ގަބޫލެއް ނުކުރެއެވެ. ގިލަން ފިލްމުގެ މަންޒަރެއް ---- އަންނަ އަންގާރަ ދުވަހު އޮލިޕްމަހުގައި އަޅުވާ ގިލަންގެ ޓިކެޓު މިހާރު ދަނީ ވިކެމުންނެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ނެގޭނެއެވެ. އެހެންވެ، ކިއޫގައި ނުޖެހި ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ބެލުންތެރިންނަށް ވަނީ ފަހިވެފައެވެ. މިއީ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ 50 ވަނަ ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ، ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި ފާތިމަތު އާޒިފާ (އަޒޫ)އެވެ. އަދި، އެކްޓަރު އަހުމަދު ސައީދާއި އައިމިނަތު ނޫރާއާއި އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)އާއި މަރިޔަމް ޝަކީލާ އެހެނިހެން ރޯލުތަކުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ