ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީގެ މައްސަލާގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ނިންމުމާއެއްގޮތަށް މަޖިލީހުގެ ތަޅުމުންވެސް ފާސްކޮށް، ފަހުމީ ސީއެސްސީގެ މެމްބަރު ކަމުން ވަކިކުރިކުރުމަކީ މަޖިލީހުން ނިންމާފައިވާ ނިންމުމެއްކަމަށާއި އެހެންކަމުން އެމައްސަލަ ސްޕްރީމް ކޯޓުން ނުބެލޭނެ ކަމަށާއި އަދި ކޮމެޓީގެ ޔައުމިއްޔާވެސް ސްޕްރީމް ކޯޓަށް ފޮނުވަން ނުޖެހޭނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ވަހީދު އެގޮތަށް ވިދާޅުވީ ފަހުމީ ސީއެސްސީގެ މެމްބަރު ކަމުން ވަކިކޮށްފައިވާތީ ފަހުމީ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ސްޕްރީމް ކޯޓުން އެމައްސަލައިގެ ބަޔާންތައް ފޮނުވާދިނުމަށް މަޖިލީހުގައި އެދިފައިވާތީއެވެ. އަދި ފަހުމީ މައްސަލަ ސްޕްރީމް ކޯޓުގައި މަޖިލީހުގެ ފަރާތުން މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވަކާލާތު ކުރައްވާތީވެސް ބައެއް މެމްބަރުން ކަންބޮޑުވެ ވަޑައިގެންނެވިއެވެ.
ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ފަހުމީ މައްސަލާގައި ފަހުމީއާއިއެކު 13 ބޭފުޅެއްގެ ހެކިބަސް ނަގާފައިވާނެ ކަމަށާއި އަދި ހެކިދެއްވެވި ބޭފުޅުންގެ އަރިހުގައި އެކޮމެޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމަށާއި އަދި ހެކީން ކޮމެޓީއަށް ދީފައިވާ ބަޔާން ތަކަކީ ސިއްރުކުރެވިފައިވާ އެއްޗެއްކަމަށްވެސް ވިދާޅުވެފައި ވާނެކަމަށެވެ. އެހެންކަމުން ކޮމެޓީގެ ޔައުމިއްޔާ ސްޕްރީމް ކޯޓަށް ނުފޮނުވޭނެ ކަމަށާއި ހެކީން ދީފައިވާ ބަޔާންތައް ސްޕްރީމް ކޯޓަށް ނުފޮނުވައިގެން ކޯޓަކުން ހުކުމެއްކޮށް އަދަބެއް ލިބުނަސް އެކަމަށް ތައްޔާރު ކަމަށެވެ.
ކޮމެޓީގެ ހުރިހާ މެމްބަރުންވެސް ވިދާޅުވީ ފަހުމީގެ އިންޓެގްރިޓީގެ މައްސަލައެއް އުޅޭކަމަށް ގަބޫލު ކުރާކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަންގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު މުޖްތާޒު ފަހުމީ އާއި ޑީއާރްޕީގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމެޓީގެ ޔައުމިއްޔާ ހަމައެކަނި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޭނުމަށް ފޮނުވަން ފެންނަކަމަށާއި ނަމަވެސް އިތުރު އެއްވެސް ބޭފުޅަކަށް އެބަޔާންތައް ފެނިގެންނުވާނެކަމަށެވެ.
ނަމަވެސް ކޮމެޓީގެ މުގައްރިރު އާއި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެބަޔާންތަކަށް ބިނާކޮށް ފަނޑިޔާރުންނަށް ހުކުމެއް ނުކުރެވޭނެ ކަމަށާއި ދައުވާ ހުށަހަޅާފައިވާ ފަހުމީއަށްވެސް އެބޭފުޅާގެ ދިފާއުގައި ވާހަކަ ދެކެވެންވާނެ ކަމަށެވެ. އަދި މަޖިލީހުގެ ކައުންސިލް ޖެނެރަލްއަށްވެސް އެބަޔާންތައް ނުފެންނާނެ ކަމަށްވެސް ކޮމެޓީގެ މެމްބަރުން ވިދާޅުވިއެވެ.
ކޮމެޓީއަށް ހުށަހެޅުމެއް ހުށަހަޅުއްވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާއި 90 ވަނަ މާއްދާގެ (ހ) ބަޔާން ކޮށްފައިވާ ގޮތުން ސްޕްރީމް ކޯޓުން އެދިފައިވާ ކޮމެޓީގެ ބަޔާންތައް ފޮނުވައިދެވެން ނެތްކަމަށެވެ. މެމްބަރު އަލީ ވަހީދުގެ އެހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރުއެވެ. މެމްބަރު އަލީ ވަހީދުގެ ހުށަހެޅުން ފާސްވެފައިވަނީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަގްލަބިއްޔަތުންނެވެ.
ފަހުމީގެ މައްސަލަނުބެލޭނެ، ޔައުމިއްޔާ ފޮނުވާކަށްވެސް ނުޖެހޭނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ