އަޅުގަނޑު ހައްޔަރުކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ދަނީ ދެމުން: އަލީ ވަހީދު
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި، ވެރިކަން ބަދަލުވި ގޮތް ބަލަމުންދާތީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި އޭނާގެ އާއިލާ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ދެމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( ން ފުލުހުންނަށް ފޮނުވުމާ އެކު، އަލީ ވަހީދު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ފޮނުވި އިރު، "އޭސީސީން ވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް މިއަދާ ހަމައަށް އަޅުގަނޑަށް ކޮރަޕްޝަނެއްގެ ތަހްގީގަކަށް ކިޔާފައި ނެތް" ކަމަށެވެ. އެ މައްސަލަ ފޮނުވީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މުގައްރިރުކަން ކުރާ ސަރުކާރު މަސްއޫލިއްޔަތު ކޮމިޓީން ބަޣާވަތް ފަޅާ އަރުވާލި ފަހުން، އެ ކޮމިޓީންނާއި އެމްޑީޕީން އިސްތިއުފާ ނުދީފި ނަމަ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ހައްޔަރުކުރާނެ ކަމަށް ބާޣީ ސަރުކާރުން ދަނީ އިންޒާރު ދެމުން،" އަލީ ވަހީދު ފޮނުއްވި އެސްއެމްއެސް އެއްގައިވެ އެވެ. "މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ ހައްޔަރުކުރުމަށް ފަހު އެ ތްރެޓް ތަކުރާރުކުރެއްވި." އަލީ ވަހީދު ވިދާޅުވީ އޭނާގެ "ރިމޯޓް" ވެސް "ނަގޫ" ވެސް އޮތީ އޭނާގެ އަތުގައި ކަމަށާއި "ބާޣީންނަކަށް މި އަލީ ވަހީދުގެ ރިމޯޓް ވެސް ނަގޫ ވެސް ނުފިއްތޭނެ" ކަމަށެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި މިއީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް އޮކްޓޫބަރު 2011 ގައި މާލެއިން ގޯއްޗެއް ގަނެފައިވާތީ އެކަމާ ގުޅޭ މައްސަލައެކެވެ. އަލީ ވަހީދުގެ މަންމަގެ އިތުރުން އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެއިން ބީލަމުގެ އުސޫލުން ދެ ބިމެއް ކާމިޔާބު ކުރެއްވި އެވެ. އެއިން ކޮންމެ ބިމެއްގެ އަގު 6.4 މިލިއަން ރުފިޔާ އަށް އަރާއިރު އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ވަނީ ފައިސާ ނުދެއްކެވިގެން އެހެން ފަރާތަކަށް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ