ޗައިނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ ތަހުގީގު ކުރަނީ

ބެއިޖިން (ޖުލައި 13) - ޗައިނާގެ ސުޕްރީމް ކޯޓުގެ ދެވަނަ އަށް އެންމެ އިސް ފަނޑިޔާރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އުމުރުން 61 އަހަރުގެ ޒީ ޒިއައޯމިންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން ކަންތައްތަކެއް ކަމެއް ހާމަ ނުކުރިޔަސް ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޓަން (ސީސީޑީއައި) އިން ނެރުނު ބަޔާނެއްގައިވަނީ "އަހުލާގީ މިންގަނޑުތަކާ ޚިލާފްވުމާއި ގާނޫނާއި ޚިލާފްވުމުގެ ސީރިއަސް ތުހުމަތުތަކެއް" ޒީގެ މައްޗަށް ކުރެވޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޒީ އާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ހާމަކޮށްފައި ނުވިޔަސް އެ މައްސަލަ ތަހުގީގު ކުރަމުންދާކަން މީޑިއާތަކުގައި އާންމު ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޗައިނާ ސުޕްރީމް ކޯޓުގެ ވެބްސައިޓުން ވަނީ ޒީގެ ހުރިހާ މައުލޫމާތެއް އުނިކޮށްފަ އެވެ. އިގްތިސާދީ ގާނޫނުގެ ދާއިރާއިން ޚާއްސަވެފައިވާ ޒީ އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބުނީ 1982 ވަނަ އަހަރު އެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި މަރުގެ އަދަބާއި އުމުރަށް ޖަލަށްލުމުގެ އަދަބު ދެމުންދާ ޗައިނާ އިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ފަށައި، ސަރުކާރުގެ ކުރީގެ ބައެއް އިސްވެރިން ދިގު މުއްދަތަކަށް ޖަލަށްލައިފަ އެވެ. އެ ގައުމުގެ ސަލާމަތާބެހޭ ކުރީގެ އިސްވެރިޔާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ