ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަ ވުމަށް އައްބާސް ގޮވާލައްވައިފި

އދގައި ފަލަސްތީނުގެ މަގާމް މަތިކުރުމާ ގުޅިގެން ބޭއްވި އުފާފާޅުކުރުމުގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަމަވަމުން ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަވުމަށް ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ.
ރާމުﷲގައި ބޭއްވި މިއެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް އިތުރަށް ވިދާޅުވީ ނޮވެމްބަރު 29 ވަނަ ދުވަހު ފަލަސްތީން އުފަން ވުމުގެ ސެޓުފިކެޓް ހޯދައިދޭން މަސައްކަތް ކުރި ރައްޔިތުން އެކުވެރިކަމާއެކު ގައުމައިގެން ކުރިއަށްދާންވީ ވަގުތު ޖެހިފައިވާކަމަށެވެ.
އައްބާސް ވިދާޅުވީ ކުރަންޖެހޭ އަދި ހާސިލް ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި އެންމެ މުހިންމު ކަމަކީ ގައުމު އެއްބައިވަންތަކަން ގާއިމު ކުރުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އދގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ މަގާމް ވަނީ ނަންމެމްބާރ އޮބްޒާވާ އެންޓިޓީއިން ނަންމެމްބާރ އޮބްޒާވާ ސްޓޭޓަކަށް މަތިކުރެވިފައެވެ. މިއީ ވެޓިކަން ސިޓީއާ އެއްމަގާމެކެވެ. ނަމަވެސް މިކަމާ ގުޅިގެން އިޒްރާއީލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މީގެ ކުރިންވެސް ފަލަސްތީނުގެ ވެރިންވަނީ އދގެ ފުރިހަމަ މެމްބަރަކަށް ވުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަން ވަނީ ފާސްނުވެފައެވެ.
އައްބާސް އަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރި ކޮންޓްރޯލް ކުރަމުންދާ ފަތަހަ ޖަމާއަތުގެ މެމްބަރެކެވެ. އަދި ގައްޒާ ކޮންޓްރޯލް ކުރަނީ ހަމާސް އިންނެވެ. މިދެޖަމާއަތުގެ މެދުގައި ވެރިކަން ހޯދުމަށްޓަކައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވެއެވެ.
އިޒްރާއީލާއި އެމެރިކާއިންވަނީ އދގައި ފަލަސްތީނުގެ މަގާމް މަތިކުރުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވީ މިކަމަކީ ސުލްހައިގެ މަޝްވަރާތަކަށް އެންމެ ފިޔަވަޅެއްވެސް ގާތްކުރާނެ ކަމެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ