ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމާއި ގުޅިގެން އުމަރު ނަސީރު ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގަވާފައި ވާތީ އެކަން ތަހުގީގު ކުރުމަށް ފަހު އެކަންތައްތައް އިސްލާހުކޮށް، އަލުން އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ހަތް ދުވަހުގެ މުހުލަތެއް ދޭން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމައިފިއެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުު ވިދާޅުވީ އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް އުމަރަށް ހަތް ދުވަހުގެ މުހުލަތެއް ދޭން ނިންމީ ސުލޫކީ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ޕާޓީ އާއި އެންމެންގެ މަސްލަހަތައް ވިސްނައިގެން ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ.
"ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަމްބަރަށް ރިއާޔަތް ކޮށް އަދި ޕީޕީއެމްގެ ސުލޫކީ ފިޔަވަޅު އެޅުމާއި ބެހޭ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ރިއާޔަތް ކުރުމާއި އެކު އެ މާއްދާގެ (ހ)ގެ ދަށުން އުމަރު ނަސީރު ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރެއަށް ހަތް ދުވަހުގެ ތެރޭގައި އެނބުރި އައުމަށާއި..،" އަޒީޒް ވިދާޅުވިއެވެ.
އަޒީޒް ވިދާޅުވީ ހަތް ދުވަހުގެ ތެރޭގައި އުމަރު އަސާސީ ގަވާއިދުގެ ތެރެއަށް ނުވަދެއްޖެނަމަ "އެންމެ ހަރުކަށި ފިޔަވަޅު" އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަޒީޒް ވިދާޅުވީ އެންމެ ހަރުކަށި ފިޔަވަޅަކީ ޕާޓީން ވަކި ކުރުން ކަމަށެވެ.
ސުލޫކީ ކޮމެޓީންގެ އިޖުރާތުތައް ފުރިހަމަ ކުރުމަށް އުމަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ. އަދި އުމަރު އަސާސީ ގަވާއިދުގެ ތެރެއަށް ވަންކަން ޔަގީން ކުރަން ވަރަށް ގިނަ ގޮތްތަކަށް ބެލިދާނެ ކަމަސްވެސް އަޒީޒް ވިދާޅުވިއެވެ.
"މީގެ ފަހުން އޭނާގެ ފަރާތުން އަޅުގަނޑުމެން މި ބެލި ބާވަތުގެ، ޕާޓީއަށް، ޕާޓީގެ ނަމަށް، ޕާޓީއެއްގެ ވެރިއެއްގެ ނަމަށް އެއްވެސް ކަހަލަ ކުޑައިމިސް ކަމެއް އަތުވެދާނެ ކަހަލަ ބަހެއް ނުވަތަ އަމަލެއް އޭނާގެ ފަރާތުން ނުކޮށް ހުއްޓަސް ބެލިދާނެ އޭނާ އިސްލާހު ވެއްޖެ ކަމަށް. އަދި އެއަށްވުރެ ރަނގަޅަށް އިސްލާހު ވުމަކީ ތިމަންނަ އަސާސީ ގަވާއިދުގެ ތެރޭގައޭ މީގެ ފަހުން މަސައްކަތް ކުރާނީ އެހެން ވިދާޅުވެފަ ދެން ހަމަ ރަނގަޅަށް މަސައްކަތް ކުރެއްވުން،" އަޒީޒް ވިދާޅުވިއެވެ.
އުމަރާއި މެދު ސުލޫކީ ކޮމެޓީން އަޅާފައިވާ ފިޔަވަޅާއި މެދު އެއްވެސް ފަރާތަކުން ހިތްްހަމަ ނުޖެހޭނަމަ، އެ ނިންމުން އިސްތިއުނާފު ކުރުމަށް އިސްތިއުނާފީ ކޮމެޓީއަށް ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އަޒީޒު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ކައުންސިލުންވެސް އެކަމާ މެދު ހިތްހަމަ ނުޖެހޭނަމަވެސް ޖެހޭނީ އިސްތިއުނާފު ކޮމެޓީއަށް ފޮނުވުމަށް ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ.
އަޒީޒް ވިދާޅުވީ އުމަރާ މެދު އަމަލު ކުރާނެ ގޮތުގެ ރިޕޯޓް ނިމުނީ މިއަދުގެ ކޮމެޓީ ބައްދަލުވުމުން ކަމަށެވެ. އަދި އެ ރިޕޯޓް ކައުންސިލާއި ހިއްސާ ކުރުމަށް ފަހު މީޑިއާއަށް ހިއްސާ ކުރާނެ ކަމަށެވެ.
ހަތް ދުވަހުގެ ތެރޭގައި އިސްލާހުނުވެއްޖެނަމަ އުމަރު ޕީޕީއެމުން ވަކިކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ