ތިން މެންބަރުން ވަކިކުރުން ދެކޮޅެއް ނުޖެހޭ: މައުމޫން

ރައްޔިތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސްލޫކީ ކޮމިޓީ އިން ނިންމި ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ވަކިކުރަން ނިންމީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. އެ ތިން މެންބަރުންނަކީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މައްސަލައިގައި ސޮއި ކުރެއްވި މެންބަރުން އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން މެންބަރަކު ވަކިވާން އެދޭ ހިސާނުން ވަކިވާނެ ކަމަށެވެ. މިއަދޔ ވަކިކުރި ކަމަށް ބުނާ ތިން މެންބަރުންނަކީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ޕާޓީން ވަކިވެފައިވާ މެންބަރުން ކަމަށެވެ. އެ ދުވަހަކީ ފްލޯކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމް އިއްވި ދުވަހެވެ.
އެ ތިން މެންބަރުން އަލުން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވީ ތިން މެންބަރުން މިއަދު ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެ ތިން މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މައްސަލާގައި ޕީޕީއެމް އިން މީގެ ކުރިން ވެސް ވަނީ ހަ މެންބަރަކު ވަކިކޮށްފަ އެވެ. އަދި އިލެކްޝަން ކޮމިޝަނުން ވަނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. އެއީ އެއީ ދިއްދޫ ދާއިރާއާ، ވިލިނގިލީ ދާއިރާއާ، މަޑުއްވަރީ ދާއިރާއާ، ތުލުސްދޫ ދާއިރާއާ، ދަނގެތި ދާއިރާ އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް އިލެކްޝަންސް ކޮމިޝަނަށް ބައި-އިލެކްޝަނެއް ބޭއްވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ