ހިމަންދޫ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ބައި އިލެކްޝަން ނޮވެމްބަރު 19ގައި

ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓްގައި އއ. ހިމަންދޫ ރަށު ކައުންސިލަށް އިންތިޚާބުވި އަބްދުﷲ ޖަމީލާއި، ޏ. އަތޮޅު ކައުންސިލްގެ ފުވައްމުލަކު މެދު ދާއިރާއަށް އިންތިޚާބުވި ހަސަން ސައީދުގެ މައްޗަށް އިއްޔެ ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ދެބޭފުޅުންގެ ގޮނޑި ވެސް ގެއްލިފައިވާތީ އެ ދެ ކައުންސިލްގެ ބައި އިލެކްޝަން ނޮވެމްބަރ 19 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ދެ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އޮކްޓޯބަރ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ 3:00 އާއި ހަމަޔަށް އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ސައީދު، އަތޮޅު ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތި ލެއްވި އިރު، އޭނާގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ގަވާއިދުން ދައްކަމުން ގެންގޮސްފައި ނުވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ އެއްވަނަ ނަންބަރުގައި ވާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާއެއްގޮތަށް އެ ފައިސާ ނުދައްކާނަމަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނޯންނާނެކަމަށްވާތީ އޭނާ އަކީ ގާނޫނީގޮތުން ކައުންސިލްގެ މެންބަރެއްކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް އޭނާގެ މައްޗަށް އިއްޔެ ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ވެއެވެ.
ހިމަންދޫ ކައުންސިލް މެމްބަރު އަބްދުﷲ ޖަމީލުގެ މައްޗަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރީގެ ފުލުސް ކޯޓުން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާތީ، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް އިންތިހާބުގައި ބައިވެރިނުވެވޭނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިކާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާތީ އޭނާ އަކީ ގާނޫނީގޮތުން ކައުންސިލް މެނަބަރެއްކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ