މައުމޫން ބަދުނާމު ކުރަން ރީކޯ މޫސަ ކުރަމުންގެންދާ މަސައްކަތް ކުށްވެރިކުރަން – ޕީޕީއެމް

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މުސާ މަނިކު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ބަދުނާމުކޮށް އޭނާ އަށް ރައީސް މައުމޫން އަނިޔާކުރައްވާފައިވާ ކަމަށް ބުނެ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަކީ ޙަޤީޤަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ރައީސް މައުމޫނުގެ އިސްތަށިފުޅުގައި ބަދުނާމު އެޅުވުމަށް ރީކޯ މޫސަ ކުރަމުންގެންދާ މަސައްކަތް ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގަިއ ބުނެފައި ވަނީ ރައީސް މައުމޫންގެ "އިސްތަށިފުޅުގައި ބަދުނާމު އެޅުވުމަށްޓަކައި ރީކޯ މޫސަ ކުރަމުން ގެންދާ ޒިންމާދާރުކަން ކުޑަ ހުތުރު މަސައްކަތްތައް" ޕީޕީއެމްގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ރީކޯ މޫސާ މަނިކަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތްކޮށް އެކަން ޝަރީއަތައް ސާބިތުވެފައިވާ މީހެއްކަން މިފުރުސަތުގައި ދަންނަވަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް މައުމޫން އާއި ބެހޭ ގޮތުން ރީކޯ މޫސަ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ކުއްވެރިކޮށް ޕީޕީއެމް އިން ބަޔާނެއް މިނެރުނީ ރީކޯ މޫސަ އަށް ތާއިދު ކޮށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ވަރަށް ގިނައިން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އަދި ރީކޯ މޫސަ ސަރުކާރާއި އެކު "ޑީލް" ހަދަމުން ގެންދާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރަމުން ގެންދާ ދުވަސްވަރެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ