ޓްރާންސް އޭޝިއާގެ ޕައިލެޓުން ހެދި ޓެސްޓުން ފެއިލްވެއްޖެ

ޓައިވާންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުން އަންނަ ޓްރާންސް އޭޝިއާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާ އާއި ގުޅިގެން ހެދި ސޭފްޓީ ޓެސްޓުންް އެ އެއާލައިނުގެ ޕައިލެޓުންތަކެއް ފެއިލްވެއްޖެއެވެ.
ޓްރާންސް އޭޝިއާގެ ސޭފްޓީ ޓެސްޓް ހެދި 68 ޕައިލެޓުންގެ ތެރޭން 10 މީހުން ވަނީ އިމަޖެންސީއެއްގައި ކަންތައް ކުރާނެ ގޮތަށް ޑިޒައިންކޮށްފައިވާ އޯރަލް ޕްރޮފެސެންސީ ޓެސްޓުން ފެއިލްވެފައެވެ. އަދި އޯރަލް ޓެސްޓުން ފާސްވި 39 ޕައިލެޓުން ސްމިއުލޭޓާ ޓެސްޓެއް ވެސް ހަދަން ޖެހޭނެއެވެ.  އެމީހުން ވެސް އެ ޓެސްޓުން ފާސްނުވެއްޖެނަމަ، ސަސްޕެންޑް ކުރެވިގެންދާނެއެވެ.
މީގެއިތުރުން 19 ޕައިލެޓުން ޓެސްޓަށް ހާޒިރުނުވުމުން ޓެސްޓް ހަދައި ނިމެންދެން ސަސްޕެންޑްކޮށްފައެވެ.
ޕައިލެޓުންގެ ސޭފްޓީ ޓެސްޓް ކުރުމަށް ޓައިވާނުގެ ސިވިލް އޭވިއޭޝަނުން އަންގާފައިވަނީ ޓްރާންސް އޭޝިއާ އެއާލައިންގެ ބޯޓެއް މި މަހު 4 ވަނަ ދުވަހު ވެއްޓި 42 މީހުން މަރުވުމާ ގުޅިގެންނެވެ. މި ބޯޓުން ޖުމްލަ 58 އަށްވުރެ ގިނަ މީހުން ދަތުރުކުރިއިރު، މީގެތެރެއިން ސަލާމަތްވެފައިވަނީ 15 ވަރަކަށް މީހުންނެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި 51 ކަނޑުގެ ބޯޓަކާއި، ތިން ހެލިކަޕްޓަރާއި 450 އަށް ވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޓްރާންސް އޭޝިއާ އެއާލައިން އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ހުއްދަ ނުދޭން ވެސް ޓަައިވާނުގެ ސިވިލް އޭވިއޭޝަނުން ނިންމާފައިވާއިރު، ޓްރާންސް އޭޝިއާގެ 10 ބޯޓެއް އޮވެއެވެ. ދާދި ފަހުން މި 10 ބޯޓުގެ ސެކިއުރިޓީ ކަންކަން ވަނީ ބަލައި ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ