އަރާމުކުރަން ވަގުތު ނުވާ މައިގަނޑު ސަބަބަކީ ސްމާޓްފޯން

އަތުގައި އޮންނަ ސްމާޓްފޯނާ ހެދި މިހާރު ގިނަ ބަޔަކަށް އަމިއްލަ ނަފުސަށް ހިތްހަމަޖެހޭ އަރާމު ވަގުތުކޮޅެއް ހޭދަކޮށްލާނެ ވަގުތެއް ލިބެނީ ވަރަށް މަދުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އޭގައި ބުނެފައިވާ ގޮތުގައި ސްމާޓްފޯނުގެ ތެރެއަށް ގިނަ ބަޔަކު މިހާރު ގެއްލިފައިވާތީ، ހަމަޖެހޭ ވަގުތުކޮޅެއް ހޯދައިލަން މިހާރު ހަފުތާއަކު ލިބެނީ އެންމެ ހަތް ގަޑިއިރެވެ. އުމުރުން 18-34 އަހަރާ ދެމެދުގެ ދެ ހާހެއްހާ މީހުންނާ ސުވާލުކޮށްގެން ހެދި ދިސާރާގައި ބުނިގޮތުގައި އެ އުމުރުފުރާގެ މީހުންނަށް މިހާރު އަރާމުކޮށްލަން ދުވާލެއްގެ މައްޗަށް ގަޑިއެއްހާ އިރު ވެސް ނުލިބެ އެވެ.
ސްމާޓްފޯނުގެ ސަބަބުން، ހާއްސަކޮށް ޒުވާނުން ގިނަ ވަގުތު މިހާރު ހޭދަކުރަނީ ފޯނާ ކުޅުމުގަ އެވެ. ސޯޝަލް ޕްލެޓްފޯމްތަކުގަ އެވެ.
ދިރާސާގައި ބައިވެރިވި ކޮންމެ 10 މީހުންގެ ތެރެއިން ހަ މީހަކު ބުނެފައިވާ ގޮތުން ފޯނާ ހެދި ބިޒީވުމުގެ ސަބަބުން އެ މީހުންނަށް ހަމަޖެހިލާނެ ވަގުތެއް އެއްވެސް އިރަކު ނުލިބެ އެވެ. އަދި ކޮންމެ 10 މީހަކުން އެކަކު ބުނެފައިވާ ގޮތުގައި އެންމެ 10 ވަރަކަށް މިނެޓަށް ވެސް ފޯނާ ނުލައި މިހާރު ނޫޅެވެ އެވެ.
މީގެ އިތުރުން ދިރާސާގައި ބައިވެރިވި ކޮންމެ 10 މީހަކުން ނުވަ މީހުން ވަނީ އެ މީހުންގެ ފޯނު ޗެކްކުރަން ޖެހޭ މަޖުބޫރު ސަބަބެއް ނެތަސް، ފޯން ހުޅުވައިގެން އެއާ ކުޅެން ތިބޭ ކަމަށް ބުނެފަ އެވެ.
މި ދިރާސާ ހެދި ކުންފުނި ޓްރީޓްވެލް އިން ބުނިގޮތުގައި އަމިއްލަ ނަފުސަށް ހަމަޖެހުމާއި ހަމަހިމޭން ވަގުތުކޮޅެއް ނުލިބުމަކީ މީހާގެ އާންމު ދިރިއުޅުމަށް ވަރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
މީހަކު ފޯނާ ކުޅެނީ.
"އެކަން ފަހަރުގައި ފާހަގަނުކުރެވިދާނެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ތިމާގެ އަމިއްލަ ނަފުސަށްޓަކައި ވަގުތުކޮޅެއް ދޭންޖެހޭނެ. ރިލެކްސްވެލާނެ ވަގުތުކޮޅެއް ނުލިބުމަކީ މީހާގެ މޫޑް ވެސް ހަރަބުވާނެ ކަމެއް." ޓްރީޓްވެލްގެ ތަރުޖަމާން ބުންޏެވެ.
ސްމާޓްފޯނަށް ދެވިހިފައި، އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ވެސް އިތުރުވަމުންދާ އިރު، ދިރާސާގައި ބައިވެރިވި 46 ޕަސެންޓް މީހުން ބުނީ މި އީޖާދެއް ނައި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.
ޓްރީޓްވެލް އިން ބުނީ ސްމާޓްފޯނުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ފަސޭހަކޮށްދީފައިވާތީ، ފޯނު ބޭނުންކުރުމުގައި ވަކި ހައްދެއް އުސޫލެއް ގެންގުޅުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ