ނައިފަރު ދާއިރާގެ މެމްބަރު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް މިހާރު ދޫކޮށްލައިފިއެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ހައްޔަރުކުރުމާއި ގުޅިގެން، އެބޭފުޅާގެ މައްޗައް ކޮށްފައި ވަނީ ސިޔާސީ ދައުވާ އެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ޔާމީން މިިނިވަން ކުރުމަށް ގޮވާލަމުންނެވެ. މިރޭވެސް އިދިކޮޅުން މުޒާހަރާ ކޮށްފައި ވާއިރު ރޭގެ ވަގުތެއްގައި އެފަރާތުން ވަނީ ޔާމީން މިނިވަން ކުރަންދެން ކޮންމެ ރެޔަކުވެސް މުޒާހަރާ ކުރާނެކަން ހާމަކޮށްފައެވެ.
ޔާމީން ހައްޔަރުކުރުމާއި ދެކޮޅަށް މިރޭ ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން މެމްބަރު ޝިޔާމްގެ އިތުރުންވެސް ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު އިސްމާއިލް އާއި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ހިމެނެއެވެ. އަދިވެސް އެބޭފުޅުން ތިއްބެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް، ޝިޔާމް ވިދާޅުވެފައި ވަނީ 4 ވަރަކަށް ގަޑިއިރު ތެރޭގައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެބޭފުޅުންވެސް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ވެސް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން، ނޫސްވެރިއަކާއި އަންހެނަކު ހިމެނޭހެން، ތިން މީހަކަށް އަނިޔާވެސް ވެފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ