ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލައިފި

ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް ބޭނުން ކުރާ ސާމާނުތަކުން ޑިއުޓީ ކަނޑާލައިފިއެވެ.
މިގޮތަށް ޑިއުޓީ ކަނޑާލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އެކަން އެގޮތަށް އެމަނިކުފާނު ކުރެއްވީ އެކްސްޕޯޓު އިމްޕޯޓު ގާނޫނުން އެމަނިކުފާނަށް ލިބިދޭ އިހްތިޔާރާއި ބާރުގެ ދަށުންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑާލުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެ ތަކެއްޗަކީ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެއްޗެވެ. ކަސްޓަމަސް އިން ބުނީ އެތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.
އެގޮތަށް ރައީސް ސޯލިހު ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މީގެކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް19 އާ ގުޅިގެން އަންގިއާއި، މާސްކާއި، ފޭސް ޝީލްޑް އަދި ސެނިޓައިޒާ ފަދަ ބައެއް ތަކެތިން ޑިއުޓީ ކަނޑާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ