ރައީސް ނަޝީދު ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެ އިން ޖަވާބުދާރީވާ ގޮތަށް ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އދ.ގެ ވޯކިން ގްރޫޕު އޮން އާބިޓަރީ ޑިޓެންޝަން އަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުން ޖަވާބުދާރީވަމުންދާ ގޮތަކީ ވަރަށް ފުރިހަމަ ގޮތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މަރުހަބާ ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށާއި ޔޫރަޕްގެ އިއްތިހާދަށް ރާއްޖެ އިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އދ.ގެ ވޯކިން ގްރޫޕުން ރައީސް ނަޝިދުގެ ޝަރިއާތާ ބެހޭ މައުލުމާތު ދިނުމަށް ޖެނީވާގައި ރާއްޖޭގެ ފަރާތުން އިއްޔެ ވަނީ ނޫސް ކޮންފަރެންސެއް ބާއްވާފަ އެވެ. އެ މައްސަލައިގައި އިސް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ބައިވެރިވެޑައިގަންނަވާ އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީގެ ޕާޓްނާ ޓޮބީ ކެޑްމަން ވިދާޅުވީ، ނަޝީދުގެ މައްސަލައިގެ ޝަރުއީ މަރުހަލާ ކުރިއަށް ގެންދެވުނީ ބައިނަލްއަގުވާމީ ހަމަތަކާއި ރާއްޖޭގެ ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. "ބައިނަލްއަގުވާމީ ފަރާތްތަކަށް، އދ. އަށް ޔޫރަޕްގެ އިއްތިހާދަށް ދިވެހި ރާއްޖެއިން ވަނީ ދައުވަތު ދީފައި ނަޝީދުގެ ޝަރުއީ މަރުހަލާ ކުރިއަށް ދިޔަ ގޮތް އޮބްޒާވް ކުރަން،" ކެޑްމަން ވިދާޅުވި އެވެ. ކެޑަމަން ވިދާޅުވީ، ޝަރީއަތުގެ ވަކި ހިސާބަކުން ނަޝީދުގެ ގާނޫނީ ޓީމުން ޝަރީއަތުގެ މަރުހަލާއިން ވަކިވެ ޝަރީއަތް ބޮއިކޮޓްކޮށްފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ޝަރީއަތުން ވަކިވި ނަމަވެސް ކޮންމެ ޝަރީއަތެއްގައި ވެސް ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ނަޝީދަށް ވެސް ލިބިދީފައިވާކަން ހަނދާންކޮށްދެވުނު ކަމަށާއި ހުދު ރައީސް ނަޝީދަށް ވެސް ދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު ޝަރީއަތުން ދީފައިވާ ކަމަށް ކެޑްމަން ވިދާޅުވި އެވެ. ކެޑަމަން ވިދާޅުވީ، ރައީސް ނަޝީދުގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ނޫންކަމަށާއި އެއީ ފަނޑިޔާރަކު ނުހައްގުން ހައްޔަރުކޮށްގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން ވަރަށްބޮޑު ކުށެއްކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި ވެސް އެއީ ވަރަށް ބޮޑެތި އަދަބު ލިބޭނެ ކުށެއް ކަމަށް ކެޑްމަން ވިދާޅުވި އެވެ. "ނަޝީދުގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ނޫން. ނަމަވެސް އެއީ ޖިނާއީ ކުށެއް ކޮށްފައިވާކަމުގެ ދައުވާއެއް. ޝަރުއީ މަރުހަލާގައި ކުރީގެ ރައީސް ނަޝީދަށް ސާބިތު ނުކޮށްދެވުނު އެމަނިކުފާން އެކަން ނުކުރާކަމަކަށް،" ކެޑްމަން ވިދާޅުވި އެވެ. ކެޑްމަން އިތުރަށް ވިދާޅުވީ، މައްސަލައިގެ ހުކުމަށް ފަހު އިސްތިއުނާފު ކުރުމަށް ވެސް ނަޝީދަށާއި އެމަނިކުފާނުގެ ގާނޫނީ ޓީމަށް ފުރުސަތު ދެވުނު ކަމަށާއި ނަމަވެސް މައްސަލަ އިސްތިއުނާފު ނުކުރައްވަން ރައީސް ނަޝީދު ނިންމެވީ، އަމިއްލަފުޅަށް ކަމަށެވެ. އަދި މައްސަލައިގެ ޝަރުއީ ލިޔުންތަކަށް ވެސް ގާނޫނީ ޓީމުން ދެކޮޅު ހަދާފައިވާ ކަމަށް ކެޑްމަން ވިދާޅުވި އެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ބެލްޖިއަމްއަށާއި ޔޫރަޕްގެ އިއްތިހާދަށް ރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވީ، ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ފަހު އެކަމުގެ ޒިންމާ ހުދު ރައީސް ނަޝީދު ނަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. ޝިއާން ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެކަން ކޮމަންވެލްތާއި ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖެއާއި ގުޅިގެން ހިންގުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ތަހްގީގް ރިޕޯޓް (ކޯނީގެ ރިޕޯޓް) ން ހާމަވާ ކަމަށެވެ. އަދި އެރިޕޯޓް ބައިނަލްއަގުވާމީ ފަރާތްކުން ވެސް ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމަށް ޝިއާން ވިދާޅުވި އެވެ. ޝިއާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮންނަ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ޝަރުއީ ދާއިރާއިން ނެރޭ އަމުރެއް ތަންފީޒުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ރައީސް ނަޝީދުގެ ފަރާތުން ވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމެކެވެ. އޭގެތެރޭގައި ޓެރަރިޒަމާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާއެއް ކަަމަށްވާ ބެން އެމާސަން ހިމެނެ އެވެ. އަދި މައްޝޫރު ގާނޫނީ ވަކީލު އަމާލް ކްލީނީ އާއި އިތުރު ދެ ވަކީލުން ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނެ އެވެ. ނަޝީދުގެ ޝަރީއަތް އެންމެ ފުރަތަމަ ފަށާފައި ވަނީ 2012 ވަނަ އަހަރު އޭރުގެ ހުޅުމާލޭ ކޯޓުންނެވެ. ނަމަވެސް ފަހުން އެމައްސަލަ އަނބުރާ ގެންދަވަން ޕީޖީ އޮފީހުން ނިންމެވި އެވެ. އަލުން ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ