ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި މަހިބަދޫ ދާއިރާއަށް އެމް.ޑީ.ޕީ އިން ކުރިމަތިލި، ޢަލީ އަހްމަދުގެ ނަން އަބުރާ ގެންދިއުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވަނީ އެމްޑީޕީގެ ލީޑާރޝިޕްގެ އެދުމުގެ މަތިން އަލީ އަހުމަދުގެ ނަން އަނބުރާ ގެންދިއުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ މީގެ ކުރިން ބޭއްވުނު މަޖިލީސް އިންތިޚާބުތަކުގައިވެސް، ވޯޓް ކަރުދާސް ޗާޕްކުރުމާއި ހަމައަށް ކެންޑިޑޭޓުންނަށް ނަން އަބުރާ ގެންދިއުމުގެ ފުރުސަތު ދީފައިވާނެކަމަށެވެ. ގާނޫނުގައި ކެންޑިޑޭޓުންނަށް ނަން އަބުރާ ގެންދިއުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް، ކެންޑިޑޭޓެއްގެ ނަން އަބުރާ ގެންދިއުމަށް އެދޭނަމަ އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދެމުން ގެންދާކަމަށެވެ.
އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން، ވޯޓްކަރުދާސްކޮޅުގައި ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން ޗާޕްކޮށްފައިވަނިކޮށް، އެ ނަން ފޮހެލާފައިވެސް ވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އަލީ އަހުމަދުގެ ނަން ނެގުމުން މިހާރު މަހިބަދޫ ދާއިރާއަށް ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ސުނިލްއާއި އަހުމަދު ހުސައިން އެވެ.
2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މަހިބަދޫ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު ވަނީ ކެންޑިޑޭޓުން ނަން ތަރުތީބު ކުރުމުގެ ގުރުއަތަށް ފަހު ނަން އަނބުރާ ނަގާފަ އެވެ.
މަޖިލީސް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 6ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު ނަން ވޯޓްކަރުދާސްކޮޅުގައި ނޯންނާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ