ރައީސް މައުމޫން އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކޮށްފި

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލު ކޮށްފިއެވެ.
މައުމޫންގެ އާއިލާއިން ބުނެފައިވަނީ، އެމަނިކުފާނު މާފުށީ ޖަލުން މިއަދުގެ ވަގުތެއްގައި ދޫނިދޫ ޖަލަށް ބަދަލު ކޮށްފައިވާކަން ފުލުހުން އާއިލާއަށް އަންގާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅެއް ކަމަށްވާ އަދި ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މައުމޫން މާފުށީ ޖަލުން ދޫނިދޫއަށް ބަދަލު ކުރަން އުޅޭކަން މިއަދު ހަވީރު 4:30 އާއި ހަމައަށް އެމަނިކުފާނަށް އަންގާފައި ނުވާކަމަށެވެ.
މިގޮތަށް ކުއްލި ކުއްލިއަށް ރައީސް މައުމޫން އެއްޖަލުން އަނެއްޖަލަށް ބަދަލު ކުރަމުންދާތީ އެމަނިކުފާނުގެ ހާލުކޮޅާއި އަދި ސަލާމަތާމެދު ކަންބޮޑުވެވަޑައި ގަންނަވާ ކަމަށްވެސް މައުމޫން ހަމީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް މި ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ފުލުހުން ވަދެ، އެމަނިކުފާނު ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ ދޫނިދޫ ޖަލަށެވެ.
އޭގެފަހުން ކުއްލިގޮތަށް މައުމޫން ކަރެކްޝަން ޑިޕާޓްމަންޓާ ހަވާލުކޮށް މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު މެންދަމުގެ ވަގުތުގައެވެ.
ރައީސް މައުމޫން ދޫނިދޫއިން މާފުށީ ޖަލަށް އަދި އަނެއްކާ މަފުށީ ޖަލުން މިއަދު ދޫނިދޫ ޖަލަށް ބަދަލުކުރީ ބަދަލުކުރީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންވަނީ މައުމޫނުގެ މައްޗަށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ރަސްމީގޮތުން ކޮށްފައެވެ.
މައުމޫން މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި، ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއ، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތެވެ.
މިތުހުމަތުތަކަށް ހެކިބަސް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅުންހުރި ތަންތަން އަދިވެސް ބަލައި ފާސްކުރަމުން ގެންދާ ކަމަށް އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މައުމޫންވަނީ މިތުހުމަތުތަކާ އިންކާރު ކުރައްވާފައެވެ.
މައުމޫނާ ގުޅުންހުރި ގެއެއް ބަލައި ފާސްކުރިއިރު އެގެއިން ފެނުނު ކަޅުފޮށްޓަކުންވެސް މައުމޫނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް، ގާނޫނީ ވަކީލުން މެދުވެރިކޮށް މައުމޫން ވިދާޅުވެފައިވަނީ، ފުލުހުންގެ އެ ވާހަކަތަކަކީ ބުހުތާނު ދޮގުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ