މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންކަން ހިނގައިފި ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލް ނެރުއްވި ނޫސް ބަޔާނެއްގައި މީކާއީލް ކަންބޮޑުވުން ފާޅުކުރީ ފ. ފީއަލީގައި ނުބައި ލިސްޓަކަށް ވޯޓުލާ ކަމަށް ބުނި މައްސަލަ އާއި ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅާލުމުން ވެސް ހަމަ އެ ފޮށީގައި ވޯޓުލުން ކުރިއަށްގެންދާ މައްސަލައިގަ އެވެ.
"މި އެންމެހާ ކަންކަމަކީ މި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ އަދި އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރަހަކަށް ވެދާނެ ކަންކަމަށްވާތީ އިންތިހާބުގެ ކަންކަން ވީހާވެސް އޮމާންކޮށް ހާމަކަން ބޮޑުކޮށް ކުރިޔަށް ގެންދިއުމަށް ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީއަށާއި ޕާޓީގެ އެންމެހާ ފަރާތްތަކަށް ގޮވާލުމާއެކު އިންތިހާބާބެހޭ ކަންބޮޑުވުމެއްގެ ގޮތުގައި މިކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ވޯޓުލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި މިވަގުތު ތަފާސްހިސާބުތައް ދައްކާ ގޮތުން އަދިވެސް ކުރީގައި އުޅެނީ އޭނާ އެވެ. އަދި ވީހާވެސް ގިނަ އެމްޑީޕީ މެންބަރުން ވޯޓުގައި ބައިވެރިވުމަށް މީކާއިލް އެދިވަޑައިގަތެވެ.
އިންތިހާބުގައި މީކާއީލް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ރަނގަޅަށް ކަމަށެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.
އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގައިފި ކަމަށް މީކާއީލް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ