ގްރީން ސްޓްރީޓްސް ބަލިކޮށް ބިސް ބުރުން ކޮލިފިކޭޝަނުގެ އިތުބާރު ހޯދައިފި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުން، ފަހަތުން އަރައި ކްލަބް ގްރީން ސްޓްރީޓްސް 5-2 އިން ބަލިކޮށް، މާލެ ރީޖަން ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އިން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އިތުބާރު ހޯދައިފި އެެވެ. 
ހަ ޓީމު ވާދަކުރާ ކޮލިފިކޭޝަން ބުރުުގައި، ބިސް ބުރުން ފުރަތަމަ ކުޅުނު ދެ މެޗުގައި ބައްދަލުކުރީ، މިިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ބިސް ބުރުން ޓީސީއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން މި ވަނީ ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. 
ބިސް ބުރަށް ދެން ބާކީ އޮތީ ނޯތު ލީގު ޗެމްޕިއަން، ހއ. ދިއްދޫ، ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ އަދި ސައުތު ލީގު ޗެމްޕިއަން، ގދ. ގައްދޫއާ ކުޅޭ މެޗުތަކެވެ. 
ފޯމެޓް ރޭވިފައި އޮތްގޮތުން، ހަ ޓީމު ވާދަކުރާ ކޮލިފިކޭޝަން ބުރުގެ ގަދަ ހަތަރަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. ބިސް ބުރު އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެން ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ތިން ތިން ޓީމު ކަމަށްވާ ގްރީން ސްޓްރީޓްސް، ހުރާ އަދި ޓީސީ އަށް ޕޮއިންޓެއް ލިބިފައިވާއިރު، ގައްދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ 19 ވަނަ މިނިޓްގައި އޮބައިދާ ކަދުމް ޖެހި ގޯލުންނެވެ. ބިސް ބުރުން 25 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެއްވަރުކުރީ މިސްރުގެ މަހުމޫދު މުސްތަފާ ޖެހި ގޯލުންނެވެ. އޭގެ ހަ މިނިޓް ފަހުން އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މުސްތަފާ ވަނީ ބިސް ބުރަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ބިސް ބުރުން ތިން ވަނަ ލަނޑު ޖެހީ ހިލޭ ޖެހުމަކުން އާމިރު ޝޮައައިބް އެވެ. 
ފުރަތަމަ ހާފު ނިމުމުގެ ކުރިން 41 ވަނަ މިނިޓްގައި މުހައްމަދު ނަޝީދު ވަނީ ލަނޑު ޖަހައި، ބިސް ބުރަށް ތިން ގޯލުގެ ލީޑެއް ނަަގައިދީފަ އެވެ. 
މެޗުގެ 67 ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އަންސަރު އިބްރާހިމް (އަންކޮ) ވަނީ ގްރީން ސްޓްރީޓްސް އަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 82 ވަނަ މިނިޓްގައި އާމިރު ޝުައައިބު ވަނީ އިތުރު ގޯލެއް ޖަހައި، ބިސް ބުރަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. '
ގްރީން ސްޓްރީޓްސް އަށް ކުޅޭ މިސްރުގެ އެލް ސައީދު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ރެފްރީގެ ނިންމުމަކާ ގުޅިގެން އެޕީލް ކުރި ގޮތުންނެވެ، 
މުބާރާތުގައި މިރޭ ކުޅޭ މެޗުަގައި ހުރާ އިން ނުކުންނާނީ ގައްދޫއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ