ވ
ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރި ހަބަރުތައް ދިވެހި ސަރުކާރުން އިންކާރު ކުރައްވަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި އިއްޔެ ހިނގައިދިޔަ ކަންކަމާއި ގުޅޭގޮތުން މީޑިއާއިން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަމާ ގުޅޭ ބަޔާނެއް ނެރެފައިވާ ކަމަށެވެ.
މަޖިލީހުގެ ބަޔާނާ ހަވާލާދީ ރައީސް އޮފީހުން ބުނީ އިއްޔެ އެއްވެސް ވޯޓެއް ނެގުމަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައި ވެސް ނުވާ ކަމަށެވެ.
ކުރިއަށް އޮތް ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާއި ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާތީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިމަހުގެ 23 ވަނަ ދުވަހު މަޖިލީހުގެ އިދާރާއިން އަންގާފައުވާ ކަމަށްވެސް ބުނެ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި، މަޖިލީހުގެ ގަވައިދާ ހިލާފަށް އިއްޔެ މަޖިލީހުގައި ކަންތައްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ގޮވާލައި އެކަމަށް މަސައްކަތްކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ނޫސް ބަޔާނުގައި ފާހަގަކުރެވިފައިިވާ ކަމަށެވެ. އެހެންކަމުން އިއްޔެ ޣައިރު ގާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމްއެންޑީއެފްގައި އެދިފައިވާ ކަމަށްވެސް މަޖިލީހުގެ ބަޔާނާ ހަވާލާދީ ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފުން އެޅި ހާއްސަ ފިޔަވަޅުތަކަކީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާތީއާއި މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި ސިފައިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ދެއްވާ އަހަންމިއްޔަތެއް ދެއްވާ ކަމަށެވެ. އަދި ހަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ހަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ހަބަރު ނުފެތުރުމަށް ހުރިހާ މީޑިޔާއަކަށް ސަރުކާރުން އިލްތިމާސް ކުރާ ކަމަށްވެސް ރައީސް އޮފީސް ވަނީ ބުނެފަ އެވެ.
ސިފައިން މަޖިލިސް ހިސޯރުކޮށްފައިި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ