އަލްކާ، ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަދައްކައިފި
އިންޑިއާގެ ރައީސް ދެއްވާ ޝަރަފުވެރި "ޕަދްމާ އެވޯޑް" ހަފުލާއިން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް ފެނުމާ އެކު ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އަލްކާގެ ސިއްހީ ހާލަތާ ބެހޭގޮތުން ލަވަކިޔުންތެރިޔާ ވާހަކަދައްކައިފިއެވެ. މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި މި ރަސްމިއްޔާތުގައި، އަލްކާ ވަނީ އިންޑިއާގެ ތިންވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ބޫޝަން" އެވޯޑާ ހަވާލުވެފައެވެ. އިންޑިއާގެ މިއުޒިކީ ދާއިރާއަށް އަލްކާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް މި އެވޯޑް އަލްކާއަށް އެރުވީ އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫއެވެ. މި ހަފުލާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އަލްކާ ވަރަށް ބަލިކަށިކޮށް ފެނުމާއި، އެވޯޑް ބަލައި ދިޔައިރު އެހީތެރިއެއްގެ އެހީ ހޯދަން ޖެހުމުން ގިނަ ބަޔަކު ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކަށް ޖަވާބު ދެމުން، އަލްކާ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އޭނާ އާންމުންގެ ތެރެއަށް ނުނިކުމެ މަޑުކޮށްލައިގެން ހުރީ ސިއްހީ ބޮޑު މައްސަލައަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. "ވޭތުވެދިޔަ ދެ އަހަރު އަޅުގަނޑު ހުރީ އާންމުންގެ ތެރެއަށް ނުނިކުމެ، މި ދަތުރުގެ މައުލޫމާތުތައް މާ ބޮޑަށް ހިއްސާނުކޮށް. އަޅުގަނޑު ސިއްހީ އުނދަގޫ ހާލަތެއްގައި އުޅޭކަން ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭނެ. އެ ހުރިހާ ވަގުތެއްގައިވެސް ތިޔަބޭފުޅުންގެ ލޯތްބާއި، ހެޔޮ ދުއާ އަދި މެދުކެނޑުމެއްނެތް އެހީތެރިކަން އަޅުގަނޑަށް ލިބުނު،" ރައީސާގެ އަތްޕުޅުން އެވޯޑް ބަލައިގަންނަ ފޮޓޯއަކާއެކު އަލްކާ ލިޔެފައިވެއެވެ. އަލްކާ އިތުރަށް ބުނެފައިވަނީ، ގައުމުގެ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ "ޕަދްމާ ބޫޝަން" ޝަރަފަކީ އަލްކާގެ އަޑަށް ލޯބިކުރާ، ޖީލުތަކަކަށް އަލްކާގެ ލަވަތައް އުފުލައިދިން ސަޕޯޓަރުންގެ ހައްގެއް ކަމަށެވެ. ބަލިން ރަނގަޅުވަމުންދާ ދިއުމާ ބެހޭގޮތުން އަލްކާ ބުނީ، މި ދަނޑިވަޅަކީ ހަމައެކަނި މަސައްކަތުގެ އަގުވަޒަންކުރުމެއް ނޫން ކަމަށާއި، މިއީ ލޯތްބާއި އުންމީދުން ލިބޭ ހިތްވަރު ހަނދާންކޮށްދިން ވަގުތެއް ކަމަށެވެ. އަދި އޭނާ މަޑުމަޑުން އާންމު ހާލަތަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހަފުލާއަށް ހާޒިރުވީ މިއުޒިކީ ކެރިއަރުގައި މިހާތަނަށް ލޯބިދެމުން އައި ސަޕޯޓަރުންގެ ހައްގުގައި ކަމަށް ބޮލީވުޑްގެ އެންމެ ހިތްގައިމު އަޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ. މި އަހަރު ބޭއްވި ދެވަނަ ޕަދްމާ އެވޯޑްސް ރަސްމިއްޔާތުގައި ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް، ފިލްމީ ތަރިން ކަމަށްވާ މާދަވަން އަދި މަމޫޓީ ބައިވެރިވަނީ--ފޮޓޯ/މިޑްޑޭ އަލްކާ ތަހައްމަލު ކުރަމުންދާ "ސެންސަރީނިއުރަލް ނާވް ހިއަރިންގް ލޮސް" ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން އޭނާ އިއުލާނުކުރީ މީގެ ދެ އަހަރު ކުރިންނެވެ. އިވުމުގެ ނިޒާމަށް ގެއްލުންވާ މި ނާދިރު ބަލީގެ ސަބަބުން އަލްކާ ވަނީ ލަވަކިޔުމުގެ ދާއިރާއާ ވަގުތީގޮތުން ދުރަށް ޖެހިލާފައެވެ. އަލްކާ މި ނާދިރު ބަލީގެ ޝިކާރައަކަށް ވިކަން އެނގުނީ 2024ގައި ކުރި ދަތުރަކަށް ފަހު ފްލައިޓުން ފޭބި އިރު، އޭނާގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭކަން ފާހަގަކުރެވިގެން ޑޮކްޓަރަށް ދެއްކުމާ ގުޅިގެންނެވެ. ދެ ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ އަލްކާގެ މަގުބޫލު ލަވަތަކުގެތެރޭ، "ޕަރްދެސި ޕަރްދެސި" އާއި، "ގަޒާބްކާ ހެ ދިން" އާއި، "ތާލް ސޭ ތާލް މިލާ"ގެ އިތުރުން، އެންމެ ފަހު ހިޓަކަށް ފިލްމު "ތަމާޝާ"އަށް ކިޔައިދިން "އަގަރް ތުމް ސާތުހޯ" ލަވަ ފާހަގަކޮށްލެވެއެވެ. ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ދުރޫޕަދީ މުރުމޫ ވަނީ އެ ގައުމުގެ އެންމެ ޝަރަފުވެރި މަދަނީ އެވޯޑުތައް ބައިވެރިންނާ ހަވާލުކުރައްވާފައެވެ. އޭގެތެރޭގައި، ޕަދްމާޝްރީ އެވޯޑު ލިބުނު އިންޑިއާގެ އެކްޓަރު އާރް މާދަވަން އަދި ޕަދްމާ ބޫޝަން އެވޯޑު ލިބުނު މަލަޔާޅަމް ސިނަމާގެ ލެޖެންޑް މަމޫޓީ ހިމެނެއެވެ. މި އަހަރުގެ ޕަދްމާ އެވޯޑްސް ދިނުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ