ވެނެޒުއެލާއަށް ބާރުގަދަ ދެ ބިންހެލުމެއް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ވެނެޒުއެލާއަށް އިއްޔެ އިރުއޮއްސުނު ވަގުތު ވަރަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މީގެ އިތުރުން، އެ ގައުމުގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ވައިގެ މަގުން ކުރާ ހުރިހާ ދަތުރުފަތުރެއް މިހާރު ވަނީ މެދުކަނޑާލާފައެވެ.
ހާދިސާގެ ނުރައްކާތެރިކަމަށް ބަލައި، ވެނެޒުއެލާގެ އެކްޓިންގ ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.
ބިންހެލުމާ ގުޅިގެން ކައިރި ބައެއް ޖަޒީރާ ރަށްތަކަށް ސުނާމީގެ ބިރުވެރިކަން އުފެދި، ކުރިން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، މިހާރު އެ އިންޒާރު ވަނީ އުވާލާފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ވެނެޒުއެލާގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ވެސް ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮއްވައެވެ. ގައުމުގެ އެކްޓިންގ ރައީސްގެ މަގާމުގައި ޑެލްސީ ރޮޑްރިގޭޒް ހުންނެވި ދަނޑިވަޅެއްގައި، މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުމުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށާއި ގައުމުގެ ހިންގުމަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ