އިއްޔެއިން ފެށިގެން ކަރަންޓް ކަނޑާލާފައިވާ މ. ކޮޅުފުށި ކައުންސިލް އިދާރާއަށް ހަފްތާއެއްގެ މުހުލަތެއް ދިނުމަށްފަހު ވަގުތީގޮތުން ކަރަންޓްގެ ހިދުމަތް ދީފި އެވެ.
ހަތް މަސްދުވަހުގެ ކަރަންޓު ބިލް ނުދައްކާވާތީ މިމަހުގެ 10 ވަނަ ދުވަހު އިންޒާރުގެ ނޯޓިސް އެއް ދިނުމަށްފަހު ކޮޅުފުށި ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށި ކައުންސިލް ރައީސް ހުސައިން ޝާމިލް ވިދާޅުވީ އިއްޔެއިން ފެށިގެން ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލާފައިވާތީ ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.
ޝާމިލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި ވާހަކަ ދެއްކުމުން ކަރަންޓް ބިލަށް ފައިސާ ދެއްކުމަށް ހަފްތާއެއްގެ މުހުލަތެއް ދިނުމަށްފަހު ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި ޑިސެމްބަރު މަހާއި ދެމެދު ފިނޭންސް މިނިސްޓްރީން ކަރަންޓް ބިލްތަށް ދެއްކުމަށް އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުލިބޭ މިދިޔަ އަހަރު އޮކްޓޫބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަރަންޓް ބިލް ދެއްކުމަށް އެއްވެސް ފައިސާއެއް. އެކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް އެދުމުންވެސް އެއަކަށް ޖަވާބެއް ނުދެއްވާ. ދެން އަޅުގަނޑުމެންނަށް ލިބުނީ މިއަހަރުގެ ބަޖެޓުގައި ހިމަނާފަ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗްގެ ނިޔަލަށް ހުރި ބިލްތަކަށްވާ ފައިސާ. އެ ބިލްތަކަށް ފައިސާ ދެއްކުމަށް އަޅުގަނދުމެން މިހާރު ތައްޔާރުވަމުން މިދަނީ." އޭނާ ވިދާޅުވި އެވެ.
ހަފްތާއެއްގެ މުހުލަތަކާއެކު ކޮޅުފުށި ކައުންސިލް އިދާރާއަށް ވަގުތީގޮތުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ