އަލުން އިޤްތިޞާދު ހުޅުވާލާއިރު ބިދޭސީންނަށް ރާއްޖޭގައި ނުކުރެވޭނެ ކަންތައްތަކެއް ކަނޑައަޅަންޖެހޭ: މެމްބަރު ޢަލީ ރިޒާ

އަލުން އިޤްތިޞާދު ހުޅުވާލާއިރު ބިދޭސީންނަށް ރާއްޖޭގައި ނުކުރެވޭނެ ކަންތައްތަކެއް ކަނޑައެޅެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރ ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.
މެމްބަރ އަލީ ރިޒާ މިކަމަށް ގޮވާ ލެއްވީ ކޮވިޑް ފްރީ ޒޯންތަކެއް ނުވަތަ ކޮވިޑް ނެތް ސަރަހައްދުތަކެއް ކަނޑައަޅައި އެސަރަޙައްދުތައް އިޤްތިޞާދީ ޙަރަކާތްތަކަށް ހުޅުވާ ލުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރާ ގުޅޭ ގޮތުން ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރ ޢަލީ ރިޒާ ވިދާޅުވީ ބަދަލުކޮށްލެވޭ މިފަދަ ކުދިކުދި ކަންކަމުންވެސް އިޤްތިޞާދަށް ހީވެސް ނުކުރާފަދަ ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގައި ގިނަވެގެން ބިދޭސީން ގެންގުޅުވޭނީ 40 އިންސައްތަ ކަމަށާއި ވަކި ކަހަލަ މަސައްކަތްތަކަކަށް ބިދޭސީން ނުގެންގުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިނަމަ ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ހުޅުވިގެން ދާނެކަމަށެވެ. ފަތުރުވެރިކަމުގައި ގެންގުޅެވޭނެ ބިދޭސީންގެ ނިސްބަތް 40 އިންސައްތައަށް ކަނޑައެޅި ނަމަވެސް  10 ހާހާއި  15 ހާހާއި ދެމެދުގެ ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ލިބިގެން ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ރިސޯރޓް ތަން ހިންގާ ފަރާތްތަކާ އެކު މަޝްވަރާ ކޮށް ފަސޭހަ ކަމާއެކު އެކަން މަޖިލީހުން ކުރެވިދާނެކަމަށް ވެސް މެމްބަރު ރިޒާ ފާހަގަ ކުރެއްވިއެވެ. 
ރާއްޖެ އިދާރީ ގޮތުން ލާމަރުކަޒު ކުރެވިފައި ވީނަމެސް ޚިދުމަތުގެ ގޮތުން އަދިވެސް އޮތީ މަރުކަޒު ކުރެވިފައިކަން ފާހަގަ ކުރައްވައި މެމްބަރު ރިޒާ ވިދާޅުވީ އިޤްތިޞާދު ސަރަޙައްދުތަކަށް ބެހިގެން ދިއުމަށް ކޮންމެހެން އެކަން ކުރަން ޖެހޭކަމަށެވެ. އެހެން ބައެއް މެމްބަރުންވެސް ވަނީ ރާއްޖޭގެ އެކި ޞަރަޙައްދު ތަކުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ސަރަޙައްދީ އެއަރޕޯޓްތައް ތަރައްޤީކޮށް ބައިނަލްއަޤްވާމީ ދަތުރުތައް އެތަންތަނުން ފެށުމުގެ މުހިންމުކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ޤަރާރުގައި ވަނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހަނިމާދޫގެ އެއަރޕޯޓާއި ދެކުނުން ގޭން އެއަރޕޯޓް ހުޅުވާލުމަށް ގޮވާލައިފައެވެ. އަދި ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމާ ގުޅޭ ޕްލޭނެއް އެކުލަވާލައި މާލޭގެ އިތުރުން އުތުރާއި ދެކުނަށްވެސް ކަނޑު މަގުން މުދާ ބޭލޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފައެވެ. އެގޮތުން އައްޑޫސިޓީ ބަނދަރާއި ކުޅުދުއްފުށީ ސިޓީގެ ބަނދަރު އާގުބޯޓުފަހަރަށް ހުޅުވާލަންޖެހޭކަމަށް ޤަރާރުގައި ބުނެފައި ވެއެވެ. އުތުރާއި ދެކުނުގެ ބަނދަރުތައް ހުޅާލެވިއްޖެނަމަ ސަރުކާރާއި އާއްމު ރައްޔިތުންގެ ގުދަންތައް އެސަރަޙައްދުތަކުގައި އިތުރުވެ ކައިރި އަތޮޅުތަކަށް އިޤްތިޞާދީ ގޮތުން ލުއިތަކެއް ލިބިގެންދާނެކަން ފާހަގަ ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ވެސް ލުޔެއް ލިބިގެންދާނެކަން ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި މިވަގުތު ހުރި މަސްކާރުޚާނާތަކުގައި މަސް ރައްކާކޮށް މަސް ބަންދުކުރެވޭނެ ޤާބިލްކަން އިތުރުކުރަންޖެހޭ ކަމަށް ވެސް ޤަރާރުގައި ވަނީ ފާހަގަކޮށްފައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް ރަށްރަށާއި ބިންދޫކޮށް އެކަމުގެ ފަންނީ އަދި މާލީ ޤާބިލްކަން އިތުރުކުރުމަށް ވެސް ޤަރާރުގައި ވަނީ ގޮވާލައްވައިފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަންނަންދެން އިޤްތިޞާދު ހުއްޓައިލައިގެން ތިބެންޖެހޭ މުއްދަތު ދިގުލައިގެން ދާނަމަ، އިޤްތިޞާދީ ތަދުމަޑުކަމެއްގެ ނިކަމެތިކަމާ ކުރިމަތިލާންޖެހޭ ރައްޔިތުންގެ ޢަދަދު  ކޮވިޑް ޖެހޭ މީހުންނަށް ވުރެ އިތުރުވުމުގެ ބިރު އެބަ އޮތްކަމަށް ވެސް ޤަރާރުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. ރާއްޖޭގެ ތިން ސަރަހައްދެއް އިޤްތިޞާދީ ގޮތުން ހުޅުވާލުމަށް ޤަރާރުގައި ވަނީ ގޮވާލައްވައިފއެވެ. މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ