އިބޫއަށް ވޯޓު ދިނުމަށް މައްޗަންގޮޅި ރައްޔިތުންގެ ކިބައިން އެދާއިރާގެ މެމްބަރު އެދިވަޑައިގެންފި

ބޭއިންސާފާއި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްވެ ކުރިން ހެދުނު ގޯސް ރަނގަޅު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ރާއްޖޭގެ ރައްޔިތުން އަދި ޚާއްސަކޮށް މައްޗަންގޮޅީގެ ރައްޔިތުން ވޯޓު ދިނުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އެދިވަޑައިގެންފިއެވެ.
ފެބްރުއަރީ އެކެއްގެ ފަހުން ޖަލުގައި ބަންދުކޮށްފައިވާ މެމްބަރު ސިނާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ޚަރާބުވެ އަނިޔާވެރިކަން މަޖަލަކަށް ހަދައި، ބޭއިންސާފު އުފަލަކަށް ހަދާފައިވާ ކަމަށެވެ. އަދި ޚިޔާނާތާ ވައްކަން މުހިންމު ކަމަކަށް ހަދައި ހާމަކަންބޮޑު ގޮތެއްގައި އޮޅުވާލުމާއި މަކަރުހެދުމަކީ ސަރުކާރުގެ ސިޔާސަތަކަށް ވެއްޖެ ކަމަށް ސިނާނުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެއްވެސް ކަމަކާ ނުލައި ޖަލުގައި އޮވެ ތަޖުރިބާ ކުރައްވަމުން ގެންދަވަނީ މީގެ ފަސް އަހަރު ކުރީން އަމިއްލައަށް ލީ ވޯޓުގެ ހިތިރަހަ ކަމަށް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ މައްޗަންގޮޅީ ރައްޔިތުންގެ ކިބައިން ރައީސް ޔާމީނަށް ވޯޓު ލުމަށް އެދިވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދާއި ހިތްހަމަޖެހުމުން ފުރިގެންވާ ފާގަތި ދުވަސްތަކެއް ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.
އެހެން ނަމަވެސް ރައީސް ޔާމީނަށް ވޯޓު ދިނުމަށް އެދި މައްޗަންގޮޅީގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައީސް ޔާމީން އިންތިޚާބުކޮށްދިނުމަށް އެދެވުނީތީ މިއަދު ހިތާމަކުރައްވާ ކަމަށާއި އަދި މައްޗަންގޮޅީ ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ އޭރު ހެދުނު ގޯހުގެ އަގު ދައްކަމުންދަނީ ފުރާނައިން ކަމަށާއި ސިނާނުގެ އަޑު އަބަދަށް ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
އެހެން ނަމަވެސް އަނިޔާގެ ކުރިމަތީގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހުމެއް ނެތް ކަމަށް ސިނާނުގެ ބަޔަނުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނާ މެދު މިސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާލުމުން އޭނައާ މެދު ކަންހިނގާނެ ގޮތް ރައްޔިތުންނަށް ތަސައްވުރު ކޮށްލެވޭނެ ކަމަށް ސިނާން ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވޯޓު ދީ އެހެދުނު ގޯހުގެ އަގު ދައްކަމުން ދަނީ ފުރާނައިން ކަމަށާއި ރައީސް ޔާމީނުގެ އަނިޔާވެރި ސަރުކާރުގެ ޝިކާރައަކަށް މައްޗަންގޮޅީ ރައްޔިތުން ވުމަށް ނޭދޭ ކަމަށް ސިނާން ވިދާޅުވިއެވެ.
ހެދުނު ގޯސް ރަނގަޅު ކުރުމަށް މިއީ ރައްޔިތުން ގޮތް ނިންމަންވީ ވަގުތު ކަމަށާއި ބުއްދިވެރިންނަކީ މާޒީން އިބުރަތް ހާސިލްކޮށް މުސްތަގުބަލް ބިނާކުރާ މީހުން ކަމަށް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް 23 ސެޕްޓެމްބަރުގައި ވޯޓު ދިނުމަށް ރާއްޖޭގެ ރައްޔިތުންނާއި އަދި ޚާއްސަކޮށް މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައްޔިތުންގެ ކިބައިން އާދޭހާއި އެކު އެދޭ ކަމަށެވެ.
އަދި ވޯޓުގެ ނަތީޖާ ގުނާ އިއުލާން ކުރަންދެން ދާއިރާއަށް ނިސްބަތްވާ ވޯޓުފޮށިތަށް ކައިރިން ދުރަށް ނުގޮސް ފާރަވެރިކަމާއި ހުޝިޔާރުކަންމަތީ ލޮލާއި ކަންފަތް ފިސާރި ރަނގަޅަށް ހުޅުވައިގެން ވޯޓުގެ ނަތީޖާ އޮޅުވާލުމަށް އެއްވެސް ފުރުސަތެއް ނުދީ ސާބިތުވެތިބުމަށް ސިނާން ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ