ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. އެގޮތުން، 13 ސެޕްޓެމްބަރު 2026 ގައި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށަހަޅަންޖެހޭކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އެ ވުޒާރާއިން ވިދާޅުވީ މި މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް، ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ޢުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށެވެ.
ހަމައެއާއެކު، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
އަދި، މިި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު، ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ އަށް މިހާރު ވަނީ ދައުވަތު ދެއްވާފައެވެ.
ޒުވާން ޚަޠީބުންގެ އަދަދު މިހާރު 621 އަށް އަރާފައިވާއިރު، ޙާފިޡުންގެ އަދަދު 310 އަށް ވަނީ އަރާފައެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ ސެޕްޓެންބަރު މަހުގެ ކުރިން 1000 ޚަޠީބުން ހަމަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ