އެޕަލްގެ އާ ސްމާޓް އައިނުގައި ދެ ކެމެރާ ހުންނާނެކަން ހާމަވެއްޖެ

އެޕަލްއިން ތަރައްގީކުރަމުން އަންނަ އާ ސްމާޓް އައިނުގައި ދެ ކެމެރާ ހިމެނޭނެކަން، އައިއޯއެސް 27ގެ ސިސްޓަމް ޕްރޮމްޓްތަކުން ހާމަވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. "ބީ790" ގެ ކޯޑްނަމުން ނަންދީފައިވާ މި ޑިވައިސްގެ ތަފުސީލުތައް އެޕަލްގެ ޑިވެލޮޕާ ބީޓާ ވާޝަނުން ފެނިފައިވާއިރު، މިއީ އެ ކުންފުނިން ގެންނަން އުޅޭ އާ ޓެކްނޮލޮޖީގެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ. މީގެ ދެ ކެމެރާ ހަރުކޮށްފައި ހުންނާނީ އައިނުގެ ދެ ފަރާތުން ދުނިގަނޑުގައި ނުވަތަ އައިނުގެ ލޮލާދިމާ މަތީކަމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކެމެރާތަކުގެ ސަބަބުން ސްޕޭޝަލް އިމޭޖިންއާއި ވިޝުއަލް އިންޓެލިޖެންސްގެ ގާބިލުކަން މި އައިނަށް ލިބިގެންދާނެއެވެ. އައިއޯއެސް 27ގެ ސިސްޓަމް ޕްރޮމްޓްގައިވާ ގޮތުން، މި އައިނު އަޅައިގެން ހުރެ ކެމެރާ ކޮންމެވެސް ތަނަކަށް އަމާޒުކޮށް ސުވާލުކުރުމުން، އެއީ ކޮންތަނެއްކަން ބުނެދިނުމުގެ ގާބިލުކަން އޭއައި މެދުވެރިކޮށް ލިބޭނެއެވެ. މިސާލަކަށް ކެމެރާއަށް އެފެލް ޓަވަރު ދައްކައި "މިއީ ކޮންތަނެއްހޭ" އަހާލުމުން އެތަން ބިނާކުރި އަހަރު ބުނެދިނުމުގެ އިތުރުން، ފެންނަ މަންޒަރުތައް ލިޔުމަކަށް ބަދަލުކުރުމުގެ ގާބިލުކަން ވެސް މި އާލާތުގައި ހުންނާނެއެވެ. އެޕަލް ސްމާޓް އައިނު --- ފޮޓޯ: ޖެމިނައި އޭއައި މި އުފެއްދުމަކީ އެޕަލްގެ ފުރަތަމަ އޭއައި ސްމާޓް އައިނުތޯ ނުވަތަ ކެމެރާ ހިމެނޭ އެއާޕޮޑްސްގެ އާ މޮޑެލްއެއްތޯ އަދި ރަސްމީކޮށް ކަށަވަރުނުވެއެވެ. ނަމަވެސް، މިއީ ރޭ-ބޭން މެޓާ ސްމާޓް އައިނުތަކާ ވާދަކުރާނެ ވަރުގަދަ އުފެއްދުމެއް ކަމަށް ބެލެވެއެވެ. މި އުފެއްދުންތައް 2027 ވަނަ އަހަރުގެ ތެރޭގައި ނެރުމަށް އެޕަލްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލްގެ 20 ވަނަ އަހަރީ އައިފޯނު މޮޑެލްއާ އެކު މި އާލާތްތައް ފެނިގެންދާނެ ކަމަށް އިންތިޒާރުކުރެވެއެވެ. އެޕަލް އިން ސްމާޓް އައިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިއީ އެ ކުންފުނިން ވެއަރަބަލް ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެ ކުރިން އެޕަލް އިން ވަނީ "އެޕަލް ވިޝަން ޕްރޯ" ގެ ނަމުގައި ފެންވަރު ރަނގަޅު، ނަމަވެސް ސައިޒުން ބޮޑު އަދި އަގުބޮޑު މިކްސްޑް ރިއަލިޓީ ހެޑްސެޓެއް ބާޒާރަށް ނެރެފައެވެ. ނަމަވެސް، އާންމު ދިރިއުޅުމުގައި ފަސޭހައިން ބޭނުންކުރެވޭ ފަދަ ލުއި ސްމާޓް އައިނެއް ނެރުމަކީ މިހާރު ޓެކް ކުންފުނިތަކުގެ އެންމެ ބޮޑު އެއް އަމާޒެވެ. މިގޮތުން، މެޓާ އާއި ރޭ-ބޭން ގުޅިގެން ނެރެފައިވާ އޭއައި ސްމާޓް އައިނަށް ބާޒާރުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެޕަލްގެ މި އައު އުފެއްދުމަކީ މެޓާއާ ވާދަކުރުމަށާއި، "އެޕަލް އިންޓެލިޖެންސް" ގެ ފީޗާތައް ކަސްޓަމަރުންނާ ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ