ސަރުކާރުގެ ކޮންމެ ވިޔާނުދާ ކަމެއް ފޮރުވަން ބޭނުންކުރަނީ ރައީސް ޔާމީން: އަދުރޭ

ސަރުކާރުގެ ކޮންމެ ވިޔާނުދާ ކަމެއް ފޮރުވަން ނިވާފަތްގަނޑަކަށް ބޭނުންކުރަނީ ކުރީގެ ރައީސް އަބްދﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ އިތުރު ދެ ދައުވާއަށް އިޝާރާތްކޮށް މިއަދު ހަވީރު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ކުއްލިގޮތަކަށް ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އުފުލީ މިއަދުގެ ސަރުކާރު ފެއިލްވަމުންދާ ދިއުން ފޮރުވަން ކަމަށެވެ. "ހަމައެއާއެކީ މިހާރު އެންމެ ބޮޑަށް ފާހަގަކުރެވިގެން މިއުޅެނީ މި [ސަފާރީ ރޭޕް] މައްސަލައިގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި މިއުޅެނީ ސަރުކާރުގެ ނުވަތަ މަޖިލިސް މެމްބަރެއް ފިރިކަލުންނާއި އަދިވެސް ސަރުކާރުގެ ބައެއް ބޭފުޅުންގެ ގާތްތިމާގެ ބޭފުޅުންކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ. އެހެންވީމާ މިކަންކަން އޮއްބާލަން ރައީސް ޔާމީން ބޭނުންމިކުރަނީ ސިޔާސީ ހަތިޔާރަކަށް. މި ސަރުކާރުގެ ކޮންމެ ވިޔާނުދާކަމެއް ފޮރުވަން ބޭނުންކުރާ ހަތިޔާރަކަށް މިހަދަނީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ. މިހާރު ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކުރިއަށްގެންދިޔައީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޖުޑިޝަރީގެ ބާރު މިހާރު ސަރުކާރަށް އެއްކޮށް ނަގައި އެ މުވައްސަސާ އެއްކޮށް "ޕެރަލައިޒް" ކޮށްލައިފައިވާ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ކުރީގެ ގާނޫނީ ވަކީލު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިންނަވާތީ އާދަމް ޝަރީފް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އާދަމް ޝަރީފް ޖޭއެސްސީ ސިފަކުރެއްވީ އެމްޑިީޕީން ލޮބީކޮށްގެން މުޅިން ހިސާރުކޮށްފައިވާ މުވައްސަސާއެއްގެ ގޮތުގައެވެ. އެގޮތަށް އޮންނަ މުވައްސަސާއަކުން އިންސާފު ލިބިގެންދާނެކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ އެމްއެމްޕީއާރުސީ މައްސަލައިގައިވެސް އަދި މިހާތަނަށް ރައީސް ޔާމީންއަށް ތުހުމަތެއް ނުކުރެެވޭ. އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭ. އެކަމަކު ހުރިހާ ވާހަކަތަކެއް ގެންނައިރުވެސް ރައީސް ޔާމީނާއި ގުޅުވާލައިފައި މިގެންނަނީ. އެއީ ރައީސް ޔާމީންގެ އަގު ވައްޓާލުމަށްޓަކައި" އާދަމް ވިދާޅުވިއެވެެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން އުޅެނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މޭސްތިރިއަކީ ރައީސް ޔާމީންކަން ރައްޔިތުންނަށް ދައްކަން ކަމަށެވެ. "ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް އަނެއްކާ މިހާރު ރައްޔިތުންނަށް އެމްއެމްޕީއާރުސީއަކީ ރައީސް ޔާމީންކަން ރައްޔިތުންނަށް ދައްކަދިނުމަށްޓަކައި މަސައްކަތް މިކުރަނީ، ހަގީގަތުގައި މީގެ މުގުލުގައި ތިބި މީހުން ގޭގައި ބައިތިއްބައިފައި. އަބްދުއްރަހީމް ވިދާޅުވި ގޮތަށް ޕީޖީއާއި ސަރުކާރާއި މިނިވަން މުވައްސަސާތަކާ މިއަދު އެއޮތީ އެބޭފުޅުންގެ އަތް ޕުޅުގައި މޮޑޭ ފުއްގަނޑެއްހެން،" ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ