މެންބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - އެއީ ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމެކެވެ. އެގޮތުން:
ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށް
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި؛ ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފައި
ތަފްސީލް - މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާލި އިރު އޭގެ ފަހުން މިހާތަނަށް 9 މަސް ވަނީ ވެފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު މި މައްސަލަ ހުށަހެޅި ގާލިބު ސަލީމަށް ފޮނުވި ޗިޓުގައި ވަނީ މި މައްސަލައިގެ ހުކުމްކުރާ އަޑުއެހުމަށް އަންނަ އާދީއްތަ ދުވަހު މެންދުރު 12:45އަށް ކޯޓަށް ހާޒިރުވުމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު ހުކުމްކުރާ އަޑުއެހުން ފެށުމަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.
މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ:
އައިޝާ ޝުޖޫން (ރިޔާސަތު)
އަބްދުﷲ ހަމީދު
ޑރ. މުހައްމަދު އިބްރާހީމް
އަލީ ރަޝީދު އަހުމަދު
ހުސައިން ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ