ވަޓްސްއެޕްގެ "ޔޫޒާނޭމް" ފީޗާ ދޫކުރަން ފަށައިފި
ވަޓްސްއެޕުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އައި "ޔޫޒާނޭމް" ފީޗާ، އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުންކުރާ ބައެއް ފަރާތްތަކަށް މިހާރު ދޫކުރަން ފަށައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިއީ ޔޫޒަރުންގެ ސެކިއުރިޓީއާއި ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން ތަޢާރަފުކުރާ ފީޗާއެކެވެ. މި ފީޗާގެ ސަބަބުން، މީހުންނާ ގުޅުމަށް ފޯނު ނަންބަރު ދިނުމުގެ ބަދަލުގައި، ހަމައެކަނި ޔޫޒާނޭމް ހިއްސާކޮށްލުމުން ފުދޭނެއެވެ. އަދި ޔޫޒާނޭމް މެދުވެރިކޮށް މުއާމަލާތްކުރާ މީހުންނަށް، އެމީހެއްގެ ފޯނު ނަންބަރެއް ނުފެންނާނެއެވެ. ފީޗާ ޓްރެކަރެއް ކަމަށްވާ "ޑަބްލިއުއޭބީޓާއިންފޯ" އިން ބުނާގޮތުގައި މި ފީޗާ އަދި، ދޫކުރަމުންދަނީ މަދު ބަޔަކަށެވެ. ނަމަވެސް މިއަހަރުގެ ފަހުކޮޅު ގިނަ ބަޔަކަށް މި ފީޗާ ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. https://sun.mv/216549 ވަޓްސްއެޕް އެޕްލިކޭޝަންގެ ޕްރޮފައިލް ސެޓިންގްސްއަށް ގޮސް، މި ފީޗާ ލިބިފައިވޭތޯ ޔޫޒަރުންނަށް މިހާރު ޗެކްކުރެވޭނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަޓްސްއެޕުން ވަނީ، 2026 ވަނަ އަހަރު ބިޒްނަސް އެކައުންޓްތަކަށް މި ފީޗާ ތަޢާރަފުކުރުމަށްޓަކައި ތައްޔާރުވުމަށް އަންގައި އެފަރާތްތަކަށް އީމެއިލްވެސް ފޮނުވާފައެވެ. ވަޓްސްއެޕްގައި ޔޫޒާނޭމް ހެދުމަށް ވަކި ގަވާއިދުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ޔޫޒާނޭމްގައި ހިމެނޭނީ 3 އަކުރުން ފެށިގެން 35 އަކުރާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން "www." އިން ފެށޭ ނަންތަކާއި، ".com" ، ".in" ، ".edu" ނުވަތަ ".net" ފަދަ ޑޮމެއިންތަކަށް ނިމޭ ނަންތައް ބޭނުމެއް ނުކުރެވޭނެއެވެ. ސަބަބަކީ އެއީ ވެބްސައިޓެއް ކަމަށް އެހެން މީހުންނަށް ހީވެދާނެތީއެވެ. ހަމައެހެންމެ، ޔޫޒާނޭމްގައި މަދުވެގެން އިނގިރޭސި އެއް އަކުރު (އަލްފަބެޓް) އިންނަން ޖެހޭއިރު، ހުސް ނަންބަރު ނުވަތަ ސްޕެޝަލް ކެރެކްޓާ އެކަނި ބޭނުންކޮށްގެން ނަމެއް ނުހެދޭނެއެވެ. ނަމަވެސް އަންޑަސްކޯ އާއި ކުދި އަކުރުގެ އިތުރުން ފުލްސްޓޮޕް ބޭނުންކުރެވޭނެއެވެ. މި ފީޗާ މެޓާގެ އެހެން ޕްރޮޑަކްޓްތަކާވެސް ގުޅުވާލެވޭނެއެވެ. ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ބޭނުންކުރާ ޔޫޒާނޭމް ވަޓްސްއެޕްގައިވެސް ބޭނުންކުރެވޭނެއެވެ. ނަމަވެސް އެހެން ޕްލެޓްފޯމެއްގައި އިންނަ ނަމެއް ބޭނުންކުރާނަމަ، އެކައުންޓްސް ސެންޓާ މެދުވެރިކޮށް، އެއީ އެމީހެއްގެ އެކައުންޓެއްކަން ކަށަވަރުކޮށްދޭން ޖެހޭނެއެވެ. ވަޓްސްއެޕް އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް އެ އެޕްލިކޭޝަން ފަރުމާކުރެވިފައިވަނީ އެކަކު އަނެކަކާ މުއާމަލާތްކުރުމަށް ކޮންމެހެން ފޯނު ނަންބަރު ބޭނުންކުރަންޖެހޭ ގޮތަށެވެ. މީގެ ސަބަބުން، ނުދަންނަ މީހުންނާ ނުވަތަ އެކި ކަންކަމުގައި އާންމު ވިޔަފާރިތަކާ މުއާމަލާތްކުރާއިރު، އަމިއްލަ ފޯނު ނަންބަރު ހާމަވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ޕްރައިވެސީއާ ގުޅުންހުރި ބޮޑު މައްސަލައެކެވެ. ވަޓްސްއެޕާ އެންމެ ބޮޑަށް ވާދަކުރާ 'ޓެލެގްރާމް' ފަދަ މެސެޖިންގ އެޕްލިކޭޝަންތަކުގައި މާ ކުރިއްސުރެ ފޯނު ނަންބަރު ސިއްރުކޮށް، ޔޫޒާނޭމް ބޭނުންކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. ފަހަކަށްއައިސް މެޓާ ކުންފުނިން އަންނަނީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ސެކިއުރިޓީއާއި ޕްރައިވެސީ ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޗެޓްތައް އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރުމާއި، އޮންލައިންކޮށް އިންނަކަން ފޮރުވުމާއި އަދި ޚާއްޞަ ޗެޓްތައް ލޮކްކުރެވޭނެ ގޮތް ފަދަ މުހިންމު ފީޗާތައް ދާދިފަހުން ވަނީ ތަޢާރަފުކޮށްފައެވެ. އެހެންކަމުން، އަލަށް ތަޢާރަފުކުރާ "ޔޫޒާނޭމް" ފީޗާ ވެގެންދާނީ ފޯނު ނަންބަރަށް ބަރޯސާވުން ކުޑަކޮށް، ވަޓްސްއެޕްގެ ތާރީޚުގައިވެސް ޕްރައިވެސީ ރައްކާތެރިކުރުމަށް ގެނެވޭ އެންމެ ބޮޑު އެއް އިންގިލާބީ ބަދަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ