ނަޝީދާއި ފައްޔާޒަށް ގަޕޯގެ ރައްދު: ކަތިލަމުން ތިޔަ ގެންދަނީ އެމްޑީޕީ!

ކަތިލަމުން އެ ގެންދަނީ އެމްޑީޕީ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މިހާރުގެ ގައުމީ މަޖިލިސް މެންބަރުންނާއި ކުރީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގަފޫރު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި ވާހަކަދައްކަވަން ހަމަޖެހިފައިވަނީ، ފަސް މޭޔަރުންނާއި ޑަބްލިޔުޑީސީގެ ފަސް ރައީސާއިންގެ އިތުރުން އެމްޑީޕީގެ ރައީސާއި ރެފެރެންޑަމް ކޮމިޓީގެ ޗެއާ އާއި އިލެކްޝަން ކޮމިޓީގެ ޗެއާ އެކަނި ކަމަށެވެ.
އޭގެ ފަހުން އެ ދުވަހުގެ ރޭ ފައްޔާޒް ގުޅުއްވާފައި ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވިތަނާ، ރައީސް ނަޝީދު ވެސް ގުޅުއްވާފައިވާ ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވި ކަމަށާއި އަމިއްލައަށް ނިންމެވޭނެ ކަމަކަށް ނުވާތީ، ވަގުތުކޮޅެއް ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެ ފޯނު ކޯލު ނުބޭއްވެނީސް، ހެޑްލައިންތަކަށް ޖަލްސާ ބޮއިކޮޓްކުރި ކަމުގެ ހަބަރުތައް އަރަން ފެށި ކަމަށް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ ތިން އިންތިހާބަކުން ފެއިލްވެ، އެމްޑީޕީ މަގުމަތިވި ދުވަހު ޕާޓީ ނަގައި ކޮޅަށް ޖެހީ އޭނާ ކަމަށާއި ނަމަވެސް ޕާޓީއަށް ލިބުނު ކާމިޔާބީގެ ކްރެޑިޓް ދޭން ނުދަންނަވާ ކަމަށެވެ.
”މިއަދު އަޅުގަނޑު ކަތިލުމަކުން އަދި މިކަމެއް ފުރިހަމަވެގެންނެއް ނުދޭ. މިއަދު އެ ކަތިލަނީ އެމްޑީޕީ، ޕާޓީއަށް ނިކަމެތިވާ ވަގުތު ކާކު މި ޕާޓީއާ ހަވާލުވާން ހުރީ،“ އޭނާ ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް މިއަދު ވަނީ ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ