މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން ފުރަން ފަށާނީ މެއި 15 ވަނަ ދުވަހުން ފެށިގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ މެއި މަހުގެ 25 ވަނަ ދުވަހެވެ. ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރަމުން ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖުވެރިން ގޮވައިގެން ދެ އެއާލައިނަކުން ޖުމްލަ 4 ދަތުރު ކުރާނެއެވެ.
އަދި މިއީ މިވަގުތަށް ތާވަލު ކޮށްފައިވާ ތާރީހުތައްކަން ފާހަގަކޮށް ހައްޖު ކޯޕަރޭޝަނުން ބުނީ މި ތާރީހު ތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހައްޖާ ގުޅޭ ތައްޔާރީތަކާ ގުޅޭ ގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، މި އަހަރުގެ ހައްޖުގެ ހުރިހާ އިންތިޒާމުތަކެއް ނިންމާފައިވާ ކަމަށާއި އަމާޒަކީ މިއަހަރަކީ މިހާތަނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތްދެވޭ އަހަރަށް ހެދުން ކަމަށެވެ. އެގޮތުން ހައްޖުވެރިން ތިބޭ ހޮޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ވެސް ކުރިއަށްދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރު ހައްޖަށް ދިޔަ ފަރާތްތަކުން ދިން ފީޑްބެކްތަކަށް ރިއާޔަތްކޮށް ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވެއެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު އެއް ޝަކުވާ އަކީ މިނާގައި ފާހާނާ މަދުކަން ފާހަގަ ކުރައްވާ ޝަކީލް ވިދާޅުވީ، ސައުދީގެ ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކުރިން ފާހާނާ ހުރި މިންވަރަށް ވުރެ 5 ގުނަ އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މައްކާއިން މަދީނާއަށް ދިއުމަށް ހަމަޖެހިފައި ވަނީ ހައި ސްޕީޑް ޓްރޭންގައި ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިއަހަރުވެސް ދިވެހި ހައްޖާޖީންނަށް ނުސުކް ކާޑާއި މައްކާ ރޫޓް އިނީޝީއޭޓިވްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެއެވެ. ޝަކީލް ވިދާޅޫވި ގޮތުގައި، ދެން ކުރިއަށްދާނީ ހައްޖުވެރިންނަށް ދީނީ މައުލޫމާތު ދިނުމާއި، ސިއްހީ އަދި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށެވެ.
ކޮންމެ އަހަރަކުވެސް ހައްޖު އަޅުކަމަށް ދިއުމަށް ސައުދީން ރާއްޖެއަށް 1،000 ކޯޓާ ދެއެވެ.
ހައްޖުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައި، ފުރުން މެއި 15، 17، 18 އަދި 19 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ