އުމަރު ނަސީރު ދިވެހިންގެ ދީނާއި ޤައުމިއްޔަތު ވިއްކައެއް ނުލާނެ ކަމަށް ނިހާން ވިދާޅުވެއްޖެ

(ކޮލޮމްބޯ، ސްރީލަންކާ): މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރަކީ ދިވެހީންގެ ދީނާއި ޤައުމިއްޔަތު ވިއްކާލާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ސޯސަންވިލާގައި ހުންނަވައި، މިއަދު "ވަގުތަށް" ދެއްވި ބަސްދީގަތުމެއްގައި ނިހާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި، ހިނގައިދިޔަ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މިނިވަން ކޮމިޝަނަށް ބޭނުންވާ ކޮންމެ މަޢުލޫމާތެއް ހޯދައި، ހާމަކުރުމުގެ އިޚްތިޔާރާއި ބާރު އެ ކޮމިޝަނަށް އިތުރަށް ބޭނުންވާ ނަމަ އެ ބާރެއްވެސް ދޭންޖެހޭ ކަމަށެވެ.
އަދި އިތުރު ބާރެއް އެ ކޮމިޝަނަށް ދޭންޖެހޭ ނަމަ، އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ މެދުވެރިކޮށް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެ މިނިވަން ކޮމިޝަނާއި މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އަދި އެ ކޮމިޝަނުގައި ހިމެނޭ ބޭފުޅެއް ކަމުގައި އެނގިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަނި ކަމަށެވެ. އުމަރަކީ އެ ކޮމިޝަނުގެ ކޯޗެއާވެސް މެއެވެ.
ނިހާން ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ކެމްޕޭނުގައި އުމަރު ނަސީރު ވާދަކުރެއްވި އިރު، އުމަރާއި ރައީސް ޔާމީނުގެ ކެމްޕޭނާ ދެމެދަށް ހުރަސް ކުރި ފަރާތަކީ ނިހާން ކަމަށެވެ. އަދި އޭރު ރައީސް ޔާމީނުގެ ކެމްޕޭނުގައި ބައިވެރިވެ، އުމަރަށް ތާއީދު ނުކުރާކަން ހާމަކުރި ފުރަތަމަ މީހާއަކީވެސް ނިހާންކަމަށް އެއްބަސްވެވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، އިންސާނެއްގެ ނިސްބަތުންވެސް އޭނާއާ މެދު އުމަރު ނަސީރުގެ ހިތްޕުޅު އެހާ ފަސޭހަ ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް އުމަރު ނަސީރަކީ ދިވެހީންގެ ދީނާއި ޤައުމިއްޔަތު ވިއްކާލާނެ ބޭފުޅެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ.
"މިއަދުވެސް އަދި އޭރުވެސް އަޅުގަނޑު ޤަބޫލުކުރާ، އުމަރު ނަސީރުގެ އެއް ސިފައެއް އޮވޭ. އުމަރު ނަސީރު ދިވެހީންގެ ދީނާއި ޤައުމިއްޔަތު ވިއްކައެއް ނުލާނެ. އަބަދުވެސް އަޅުގަނޑު ބުނާ އެއްޗެއް މިއީ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ދުނިޔަވީ ކަމެއްގެ ތަހްޤީޤެއް ދާންޖެހޭ ނަމަ، އޭނާ ހުންނަވާނީ ސަފުގެ އެންމެ ކުރިއަށް "ވޮލަންޓިއަރ"ކޮށް އަރައިވަޑައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ