ކަލާމްގެ ޖަނާޒާގައި، ރައީސްގެ މަންދޫބެއްގެ ގޮތުން އަހުމަދު މުހައްމަދު ބައިވެރިވެ ވަޑައިގެންފި

އިންޑިއާގެ ކުރީގެ ރައީސް ޑރ.އޭޕީޖޭ އަބްދުލް ކަލާމްގެ ޖަނާޒާގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު މުހައްމަދު ބައިވެެރިވެ ވަޑައިގެންފިއެވެ.
"ރައްޔިތުންގެ ރައީސް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ކަލާމްގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި މިއަދު ފަސްދާނުލާފައިވަނީ، ރަމޭސްވަރަމްގައެވެ.
އަހުމަދު މުހައްމަދުގެ އިތުރުން މި ޖަނާޒާގައި ޓްރިވެންޑްރަމްގައި ހުންނަވާ ކޮންސުލް އަލީ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެބޭފުޅުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވެސް ބައްދަލުކުރައްވާފައެވެ.
ކަލާމްގެ ޖަނާޒާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައި ގެންނެވިއިރު، ކޮންގްރެސްގެ ނައިބް ރައީސް ރާހުލް ގާންދީ އާއި، އިންޑިއާ ސަރުކާރުގެ އިސް ވެރިންނާއި ދައުލަތުގެ ގިނަ އިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޑރ. ކަލާމަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ގިނަ ބަޔަކު އެ މަނިކުފާނުގެ ހަށިކޮޅު އޮތް ތަނަށް ޖަމާވިއިރު، އިންޑިއާގެ ޢާންމުންނާ، ޤައުމުގެ އިސްވެރިން ދަނީ އެމީހުންގެ ހިތުގައި ޑރ. ކަލާމަށް ދެވިފައިވާ އިހްތިރާމާއި ލޯބި އެކި ސިފަ ސިފައިގައި ހާމަ ކުރަމުންނެވެ.
އަބްދުލް ކަލާމް އަވަހާރަވީ މެގުލާޔާ ސްޓޭޓުގެ ވެރިރަށް، ޝިލޮންގުގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުގެ ކެމްޕަހުގައި ތަގްރީރެއް ދެއްވަން ހުންނަވަނިކޮށް ސްޓޭޖު މައްޗަށް ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.
އެމަނިކުފާނު އަވަހާރަވުމުން އިންޑިއާއިން ވަނީ ގައުމީ ހިތާމައިގެ 7 ދުވަސް އެގައުމުގައި އިޢުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ