އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން މިއަދު ފަލަސްތީންގައި ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ކަރުނަގޭސް ޖެހުމުގެ ސަބަބުން 8 މަހުގެ ފިރިހެން ކުއްޖަކު ޝަހީދު ވެއްޖެއެވެ.
މީގެ އިތުރުން މިއަދު އިސްރާއީލް އިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީންގެ 17 އަހަރުގެ ކުއްޖަކު ޒަހަމްވެފައި ވާއިރު 20 އަހަރުގެ ޒުވާނަކު ވެސް ވަނީ ޝަހީދުވެފައެވެ. ޒަހަމްވި ކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު އޭނާގެ ހާލު ވަރަށް ސީރިއަށް އެވެ.
އަދި ފަލަސްތީންގެ އިތުރު މީހަކު ވަނީ ގުދުސްގައި މިއަދު ހަވީރު އިސްރާއީލް އިން ދިން ހަމަލާއެއްގައި ޝަހީދު ވެފައެވެ.
މިއަދު އިސްރާއީލް އާއި ދެކޮޅަށް ޣައްޒާ އާއި ހުޅަނގު އައްސޭރީގައި މުޒާހަރާ ކުރި މީހުންނާއި އިސްރާއީލް ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ނަމަވެސް ޒަހަމްވި މީހުންގެ ތަފްސީލްތައް އަދި ނުލިބެއެވެ.
މިއަދު އިސްރާއީލް ސިފައިން ބަޑިޖެހުމުގެ ސަބަބުން 20 އަހަރުގެ ޒުވާނާ ޝަހީދުވެ 17 އަހަރުގެ ކުއްޖަކު ޒަހަމްވެފައި ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލް އިން ޖަހާފައިވާ ޗެކްޕޮއިންޓެއް ކައިރިންނެވެ. އިސްރާއީލް ސިފައިން ބުނާ ގޮތުގައި ބަޑިޖެހީ އެމީހުންގެ އަތުގައި ވަޅިއެއް އޮތްކަމަށް ތުހުމަތު ކުރެވިގެންނެވެ. މަންޒަރުދުއް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނީ މަދުވެގެން ހަތް ވަޒަން އިސްރާއީލް އިން ފަލަސްތީންގެ ދެމީހުންނާއި ދިމާއަށް ފޮނުވާލި ކަމަށެވެ.
މިއަދު ޝަހީދުވި 8 މަހުގެ ކުއްޖާ ޝަހީދުވީ ބައިތުއްލަހަމްގައި އިސްރާއީލް ސިފައިން ކަރުނަގޭސް ޖެހުމުން އޭގެ އަސަރުކޮށްގެން ކަމަށް ފަލަސްތީންގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ބުނެއެވެ.
މިއަދު ޝަހީދުވި ފަލަސްތީން މީހުންނާއި އެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަލަސްތީން އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 69 އަކަށް އަރާފައެވެ. މިއެއްމަސް ދުވަސް ތެރޭގައި އިސްރާއީލް އިން 9 މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލް އިން ފަލަސްތީންގެ 8 މަހުގެ ކުއްޖަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ