ޝަރުޢީ ދާއިރާގެ ތަޞައްވުރު ރަނގަޅުކުރުމުގެ މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި

ޝަރުޢީދާއިރާގެ ތަޞައްވުރު މިހާރަށްވުރެން ރަނގަޅުކުރުމަށް މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސަޢީދު  އެދިވަޑައިގެންފިއެވެ.
އުއްތަމަ ފަނޑިޔާރު މިކަމަށް އެދިވަޑައިގެންނެވީ މީލާދީ އާއަހަރުގެ އެކްޓިވިޓީ ކަލަންޑަރ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ހިއްސާ ކުރެއްވުމަށް ސުޕްރީމް ކޯޓުގައި އޮތް ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވަނީ ޑީޖޭއޭގެ މަސައްކަތް މިހާރަށް ވުރެން ހަލުއިކޮށް، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ފެންވަރަށް ޝަރުޢީކޯޓުތަކާއި ޝަރުޢީދާއިރާގެ ޚިދުމަތަށް އެދޭ ފަރާތްތަކާއި މުވާޞަލާތުކޮށް، ޝަކުވާތައް މަދުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ޑީޖޭއޭގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ހައިކޯޓުގެ ދެކުނު ގޮފި (ސ.ހުޅުދޫ-މީދޫ) ގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އިރުޝާދު ދެއްވި ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ޝަރުޢީ ކޯޓުތަކުގެ ކޭސްމެނޭޖްމަންޓް ހަރުދަނާކުރުމަށް 2016 ވަނަ އަހަރު އަޅަންޖެހޭ ފިޔަވަޅުތައްވެސް ފާހަގަ ކުރައްވާ އަދި ކޭސް ކްލިއަރެންސް ރޭޓާއި، ޝަރުޢީ ވަފުދުތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި އަދި ޝަރުޢީ ވަފުދުގެ މަސައްކަތަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އޮޅުންފިލުއްވެވި ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެއްވައެވެ.
ޝަރުޢީދާއިރާގެ ޖުޑީޝަލް ސްޓްރެޓެޖިކް ޕްލޭންގެ މުއްދަތު 2015 އަށް ހަމަވެފައިވުމާއި އަދި ސްޓްރެޓަޖިކް ޕްލޭނުގެ މަގްޞަދު ޙާޞިލްވެފައިވާ މިންވަރާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކޮށްދެއްވުމަށްވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އެދިވަޑައިގެންނެވިއެވެ. އަދި 2016 އާ 2017 ގެ އައު ސްޓްރެޓެޖިކް ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތައްވެސް ފާހަގަ ކުރެއްވިއެވެ.
ޝަރުޢީދާއިރާގެ 2014 ވަނަ އަހަރުގެ ސްޓެޓިސްޓިކްސް ޝާޢިއުކުރުން ލަސްވެފައިވާތީ އެކަމާމެދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވަނީ މިބައްދަލުވުމައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ފާހަގަ ކުރެއްވި ގޮތުގައި ޝަރުއީދާއިރާގެ ތަފާސްހިސާބަކީ ޝަރުޢީދާއިރާގެ މަސައްކަތް ރައްޔިތުންނާއި، ގައުމީ ތަރައްގީގެ ސިޔާސަތު އެކުލަވާ ފަރާތްތަކަށް ބޭނުންވާ މުހިންމު ޑޭޓާއެވެ. އަދި ހާމަކަންބޮޑު ގޮތެއްގައި ޝަރުޢީދާއިރާގެ މަސައްކަތް ދައްކައިދޭ ހަމައެކަނި ވަސީލަތެވެ. އެހެންކަމާއެކު 2016 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބު ކޮންމެ ހަފްތާއަކުވެސް އެއްކުރައްވައި ކޯޓުތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު ހާމަކޮށްދިނުމަށް ތަފާސްހިސާބު ހާމަކުރަމުންދިއުމަށް އެދި ވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން 2016 ވަނަ އަހަރުން ފެށިގެން ޝަރުޢީދާއިރާގެ ހިއުމަން ރިސޯސްއާއި އިދާރީ މަސައްކަތާއި އިދާރީ ހިންގުމާއި ވަޞީލަތްތަކާ ބެހޭ ސްޓެޓިސްޓިކްސް ވެސް ވަކި ވޮލިއުމްއެއްގައި ޝާއިޢުކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ޝަރުޢީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން 2016 ވަނަ އަހަރު އިސްކަމެއް ދީގެން ފެމިލީ ކޯޓަށް އިތުރު ޖާގަ ހޯދައި ދިނުމަށާއި، ސިވިލް ކޯޓުގެ މަސައްކަތް އަވަސްކުރުމަށް ސިވިލް ކޯޓަށް އިތުރު ކޮށްދީފައިވާ މަދަނީ ވެހީގެ މަސައްކަތްވެސް އަވަސް ކުރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ޑީޖޭއޭގެ ކިބައިން މިބައްދަލުވުމުގައި އެދިވަޑައިގަތެވެ.
އަދި ހުޅުމާލޭ ކޯޓަކީވެސް ގިނަ މައްސަލަތަކެއް ހުށަހެޅޭ ކޯޓެއްކަމުން އެކޯޓަށް މިހާރަށް ވުރެން ތަނަވަސް ޖާގަ ހޯދައިދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު މަޝްވަރާކޮށްގެން ނަމަވެސް ބިމެއް ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށްވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ