ޅ އަތޮޅުގެ ރަށްތަކަށް މެމްބަރު ޖީހާން އެހީތެރިކަން ފޯރުކޮށްދީފި

ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާ ޅ. އަތޮޅުގެ ރަށްތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދު އެހީތެރިކަން ފޮރުކޮށްދީފި އެވެ.
ހިންނަވަރު ހެލްތު ސެންޓަރުން ބުނީ ޖީހާންގެ ފަރާތުން ހިންނަވަރަށް 5،000 މާސްކު އަދި އަތޮޅުގެ އިތުރު ހަތަރު ރަށަށް 10،000 މާސްކު ފޯރުކޮށްދީފައިވާ ކަމަށެވެ. އިތުރު ރަށްތަކަކީ ނައިފަރު، އޮޅުވެލިފުށި، ކުރެންދޫގެ އިތުރުން ފެލިވަރެވެ.
ޅ. އަތޮޅު ފެލިވަރުގައި ކޮވިޑް ކްލަސްޓާއެއް އުފެދި އެ އަތޮޅުގެ ހުރިހާ ރަށްތަކަކަށް ބަލި ވަނީ ފެތުރިފަ އެވެ. ހާލަތު އެންމެ ގޯސް ނައިފަރުގައި ވަނީ ވަކި ވަގުތުތަކެއްގައި ކާފިއުވެސް ހިންގަން ފަށައިފަ އެވެ. އަތޮޅު ހޮސްޕިޓަލް ހުންނަ އެރަށުގައި މިހާތަނަށް 90 އަށްވުރެއް ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ޅ. އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއިއެކު މާލެއިން ހާއްސަ ސިއްހީ އެހީތެރިންގެ ޓީމެއްވެސް ވަނީ އަތޮޅު ހޮސްޕިޓަލަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ކޮވިޑް ޓެސްޓު ކުރަން ބޭނުންވާ ކިޓުތައް އެ އަތޮޅަށް ފޮނުވައި ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިންނަވަރު ހެލްތު ސެންޓަރުން ވަނީ މި ދަނޑިވަޅުގައި މާސްކުތަކެއް ހަދިޔާކޮށްދެއްވައި ޖީހާން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ