"ކުރަފިތަކެކޭ" ބުނީ ފޭކް ޑިގްރީ ގެންގުޅޭ ވަކީލުންނަށް: އިންޑިއާގެ އުއްތަމަ ފަނޑިޔާރު

ކުރަފިތަކެއްގެ ގޮތުގައި ސިފަކުރީ އިންޑިއާގައި ތިބި ވަޒީފާ ނެތް ޒުވާނުންނަށް ނޫން ކަމަށާއި އެއީ ފޭކް ޑިގްރީތައް ހިފައިގެން ވަކީލުންގެ ގޮތުގައި ކޯޓުތަކަށް ދާ މީހުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ކަމަށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިއާ ކާންތު ވިދާޅުވެއްޖެ އެވެ. 
ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަކުރެއްވި ކަމަށް ބުނެ އިންޑިއާގައި އުފެއްދި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޕޭޖީ) ހަރަކާތާ ހެދި އިންޑިއާގައި ވަނީ މިހާރުގެ ސަރުކާރަށް ދުވަހަކު ކުރިމަތިނުވާ ވަރުގެ ޕްރެޝަރު ކުރިމަތިވެފަ އެވެ. އެ ހަރަކާތުން ބޭއްވި ފުރަތަމަ މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އެއްބަސްވެ އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދެއްވައި ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޒުވާނުން އެދޭ ބަދަލުތައް ގެންނަން އެއްބަސްވެފަ އެވެ. 
އިންޑިއާގެ އުއްތަމަ ފަނޑިޔާރު "ބާ އެންޑް ބެންޗް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އޭނާ "ކުރަފި" ގޮތުގައި ސިފަކުރީ ޒުވާނުން ނޫން ކަމަށާއި އޭނާގެ ވާހަކަ ވަރަށް ބޮޑަށް އޮޅޭ ގޮތަށް މީޑިއާތަކުން ރިޕޯޓުކުރީ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ސައްހަ ނޫން ޑިގްރީ އޮތް ވަކީލުންނަށް އަމާޒުކުރެއްވި ވާހަކަތަކެއް ކަމަށެވެ.
"އެއީ މުޅި މައުޟޫއިން ބޭރުން މާނަ ނަގައިގެން ދައްކާ ވާހަކައެއް. އެ މައްސަލައިގެ ފަސްފަހަތް އަޅުގަނޑު ހިއްސާކޮށްލާނަން. އެ ދުވަހު ކޯޓުގައި ބަހުސްކުރަމުން ދިޔައީ އިންޑިއާގައި ބަލައިނުގަންނަ އަދި ސައްހަ ނޫން ލޯ ޑިގްރީތައް ހިފައިގެން ވަކާލާތު ކުރަން ވަދެގެން އުޅޭ ވަކީލުންގެ މައްސަލައާ ގުޅޭގޮތުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އިންޑިއާގައި ގާނޫނީ ދާއިރާއިން ކިޔަވައިދޭ ކޮލެޖަކަށް ދުވަހަކުވެސް ނުގޮސް، ގޭގައި ތިބެގެން ނުގަވާއިދުން ޑިގްރީ ހޯދާފައިވާ 48،000 އެއްހާ ވަކީލުން އުޅޭ ކަމަށް ބެލެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ކުރަފީގެ" ގެ މިސާލު ޖެއްސެވީ ގާނޫނީ ދާއިރާގެ ތެރެއަށް ނުގަވާއިދުން ވަދެ، ނިޒާމު ހަލާކުކުރާ މިފަދަ ސައްހަ ނޫން ވަކީލުންނަށް ނިސްބަތްކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
The most trusted news source in the Maldives
ކޯޓުގެ އަޑުއެހުންތައް ލައިވް-ސްޓްރީމް ކުރާ މި ޒަމާނުގައި، ފަނޑިޔާރުން ދައްކަވާ ވާހަކަތަކުން ބައިތައް އުނިކޮށްގެން މީޑިއާތަކުން ސުރުހީ ހަދަމުންދާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އަދުލުއިންސާފުގެ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭ ކަމަށާއި، ކޯޓުގެ އަޑުއެހުންތަކުގައި ދެކެވޭ ވާހަކަތައް މީޑިއާއިން ރިޕޯޓުކުރާނެ ހާއްސަ އުސޫލެއް ގާއިމުކުރަންޖެހޭ ކަމަށް ވެސް އިންޓަވިއުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ކުރިން ވެސް ވަނީ ޒުވާނުންގެ ނުރުހުން ބޮޑުވުމުން އޭނާގެ ވާހަކަ ތަފްސީލްކޮށްދޭން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު މީޑިއާތަކުން ވަނީ އުއްތަމަ ފަނޑިޔާރު ސީދާ ޒުވާނުންނަށް ބަސްތައް އަމާޒުކުރެއްވި ކަމަށް ބުނެފަ އެވެ. 
 "އެއްވެސް ވަޒީފާއެއް ނުލިބި، ނުވަތަ އެއްވެސް ދާއިރާއަކުން ޖާގައެއް ނެތިގެން އުޅޭ، ކުރަފިތަކެއް ފަދަ ޒުވާނުން އެބަ އުޅޭ. މީގެ ތެރެއިން ބައެއް މީހުން މީޑިއާއަށް ވަދެ، އަނެއް ބަޔަކު ސޯޝަލް މީޑިއާ، އާރްޓީއައި އެކްޓިވިސްޓުން އަދި އެހެނިހެން އެކްޓިވިސްޓުންނަށް ބަދަލުވެ، އެންމެނަށް ހަމަލާދޭން ފަށާ،" އުއްތަމަ ފަނޑިޔާރު އެ ދުވަހު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ