އެމެރިކާއިން ބުނަނީ އީރާނަށް ހަމަލާ ނުދެނީ ހަތިޔާރު މަދުވެގެން ނޫން ކަމަށް

އެމެރިކާއިން އީރާނަށް ކޮންމެ ރެޔަކު ހަމަލާ ދެމުން ގެންދާތާ 13 ދުވަސް ފަހުން ކުއްލިއަކަށް ހަމަލާތައް ހުއްޓާލީ ހަތިޔާރުގެ ސްޓޮކް މަދުވެގެން ކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގެއް ކަމަށާއި އެއީ ރައީސް ޑޮނަލްޑް ޓްރަމްޕު އީރާންގެ މަޝްވަރާތަކަށް ފުރުސަތު ދެއްވުމަށް ނިންމެވި ނިންމުވުމެއް ކަމަށް، އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް "ފޮކްސް ނިއުސް ސަންޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާ އޮތީ "ތައްޔާރަށް" ކަމަށާއި، އެ ސަރަހައްދަށް އިތުރު ވަސީލަތްތައް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ޓްރަމްޕް ގެންދަވަނީ "މަޝްވަރާތަކަށް ކުޑަ ޖާގައެއް -- ފުރުސަތެއް ދެއްވަމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަހާ ހަމައަށް، އެމެރިކާގެ ސިފައިން ވަނީ ޖެހިޖެހިގެން 13 ރޭ އިރާނަށް ހަމަލާތައް ދީފަ އެވެ. މިއީ އޭޕްރީލް މަހުގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ހަނގުރާމަ އެންމެ ބޮޑަށް ފުޅާވި ފަހަރެވެ. ނަމަވެސް، ވޭތުވެދިޔަ ދެ ދުވަހު އާ ހަމަލާއެއް ދިންކަން އިއުލާންކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން، އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވޯލްޓްޒް ވަނީ ހަތިޔާރު ސްޓޮކްގެ ދަތިކަމެއް އުޅޭތީ އެމެރިކާގެ ސިފައިން ބައެއް ބާވަތްތަކުގެ ހަތިޔާރު ބޭނުންކުރުން ކޮންޓްރޯލްކުރަމުންދާ ކަމަށް ފެތުރޭ ރިޕޯޓްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
ސަފީރު އެންމެ ފުރަތަމަ ވެސް އިނގިލި ދިއްކުރެއްވީ ކުރީގެ ރައީސް ޖޯ ބައިޑަން އަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، "ގިނަ ރިޒާވްތަކެއް އޮތީ ހުސްވެފަ" އެވެ.
އިރާނު ހަނގުރާމައިގެ ތެރޭގައި ހަތިޔާރުގެ ދަތިކަމެއް އުޅޭކަމަށް އެއްބަސްވެވަޑައިގަންނަވަންތޯ ތަކުރާރުކޮށް ސުވާލުކުރުމުން، ވޯލްޓްޒް ވަނީ އެކަން އެއްކޮށް ކަނޑައެޅިގެން ދޮގު ކުރައްވައިފަ އެވެ.
"އަޅުގަނޑު ބޭނުން ސާފުކޮށް ދަންނަވަން. އެމެރިކާގެ ސިފައިންގެ އަތުގައި -- އަދި އަޅުގަނޑު ވަނީ މިކަން ހުރިހާ ގޮތަކުން ކަށަވަރު ވެސް ކޮށްފައި -- މިއޮޕަރޭޝަން އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ލީކުކުރާ މީހުން ތިބެންޖެހޭނީ ޖަލުގައި،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ