އެޗްޕީއޭގެ އުސޫލަށް އަމަލުކުރޭތޯ ބަލަން އަނެއްކާވެސް އިންސްޕެކްޝަނެއް ފަށައިފި

ކޮވިޑު-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް، ވިޔަފާރީގެ ހިދުމަތް ދޭ ތަންތަން އަލުން އިންސްޕެކްޓުކުރަން ފަށައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ތަކުރާރުކޮށް އުސޫލާ ހިލާފުވާ ނަމަ، ގަވައިދުގައި އޮތް ގޮތަށް، 100،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވީ މާލެ އޭރިޔާ ހަތް ސަރަހައްދަކަށް ބަހައި އިންސްޕެކްޝަން ފެށީ ޕޮލިހާއި އެޗްޕީއޭގެ އޮފިޝަލެއް ވެސް ހިމަނައިގެން ކަމަށެވެ. ބޭނުމަކީ ވިޔަފާރީގެ މާހައުލުގައި އިތުރަށް ކޮވިޑް ނުފެތުރޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް 568 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ކާބޯތަކެތީގެ ހިދުމަތްދޭ 198 ތަނާއި ޖިމާއި ފިޓްނަސްގެ ހަރަކާތް ހިންގާ 12 ތަނަކާއި މާރުކޭޓުގެ ހަތަރު ތަނެއް އަދިި ސެލޫނާއި ބޯކޮށާ 10 ތަނެެއްގެ އިތުރުން ކަންމަތީ ފިހާރައާއި ހޯލްސޭލް ހިދުމަތްދޭ 344 ތަނެއް އިންސްޕެކްޓުކޮށްފައި ވެ އެވެ.
ރަނގަޅުކުރަން ޖެހޭ ތަނެއް ހުރި ނަމަ އެ ތަނަކަށް ހުދު ނޯޓިސް ދެ އެވެ. މިހާތަނަށް 288 ތަނަކަށް ހުދު ނޯޓިސް ދީފައި ވެ އެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިންގާތީ އިންސްޕެކްޝަނުގައި 243 ތަނަކަށް ސްޓިކާ ދީފައިވެ އެވެ.
ޒާމިރު ވިދާޅުވި ގޮތުގައި ހުދު ނޯޓިސް ދިން ތަންތަނަށް ފަހުން ދިޔައިރު ގިނަ ތަންތަން ހުރީ އުސޫލާ އެއްގޮތަށް ބަދަލުކޮށްފަ އެވެ. އެހެންވެ ރަތް ނޯޓިސް ދޭން ޖެހުނީ 37 ތަނަކަށެވެ.
ރަތް ނޯޓިހުގައި ބުނެފައިވާ ކަންކަން ރަނގަޅު ނުކުރާ ނަމަ ދެން ދާ ބުރެއްގައި 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ދެ ވަނަ ފަހަރު 25،000ރ، ތިން ވަނަ ފަހަރު 50،000ރ، ހަތަރު ވަނަ ފަހަރު 75،000ރ. އަދި ފަސް ވަނަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
"މުޅި މައިގަނޑު އިންސްޕެކްޝަންގެ ބޭނުމަކީ ވިޔަފާރިކުރާ ފަރާތްތަކާ ވިޔަފާރީގެ މާހައުލުގައި ވިޔަފާރީގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ކޮވިޑުން ރައްކާތެރި މާހައުލެއް ޕްރޮވައިޑު ކޮށްދިނުން. އެފަދަ މާހައުލަކަށް، ވިޔަފާރީގެ މާހައުލު ހަދައިދިނުން،" ޒާމިރު ވިދާޅުވި އެވެ.
ކުރިން އޮތް ދުވަސްތަކުގައި ހުޅުމާލެ އާއި ވިލިނގިލި އަދި ތިލަފުށީގައި ވިޔަފާރީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ