ފައިސާ ޗާޕްކުރުމާ ގުޅޭގޮތުން ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރުން ފައިސާ ޗާޕްކޮށް، ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް ފައިސާ ބަހަމުންގެންދާ ގެެންދިޔުން ހުއްޓާލުމަށް ގޮވާލައި ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށައެެޅުއްވީ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެވެ.
ކުއްލި މައްސަލަ ހުށައަޅުއްވަމުން މެމްބަރު ހުސައިން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގިންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައި އަދި އާންމު ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާއާއި ގެދޮރު ގެއްލި، މަސްވެރިން ބާނާ މަސް ނުކިރި އެމީހުންނަށް އަގު ނުލިބި، އެތައް އާއިލާއެއް ނިކަމެތިވެފައިވާ ހިނދު، ކުރިޔަށް އޮތް އެއް އަހަރު ދުވަހަށް ސަރުކާރުން ފައިސާ ޗާޕްކުރަން ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރާއި ގާތްގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމަމުން ދާކަމަށާއި، ޝަރުއީ ކޯޓެއްގެ ނިހާއި ހުކުމެއްނެތި، އަދި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓެލްމެންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއްނެތި ބޮޑެތި އަދަދުކުން އެކި ފަރާތްކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ސަރުކާރުން ނިންމަމުންދާ ކަމަށްވެސް މެމްބަރު ހުސައިން ވިދާޅުވިއެވެ.
އާންމު ރައްޔިތުން ވަރަށް ނިކަމެތި ހާލުގައި ތިއްބައި، އެތައް މިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ސަރުކާރާއި ގާތްގުޅުން އޮންނަ ފަރާތްތަކަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮވުން އިންތިހާއަށް އޮތްކަމެއް ކަމަށްވެސް މެމްބަރު ހުސައިން ވިދާޅުވިއެވެ.
އަދި ކުއްލި މައްސަލަ ހުށައެޅީ، ރައްޔިތުންގެ ފައިސާއަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންކުރަންޖެހޭ ފައިސާކަމަށްވާތީ، ފައިސާ ޗާޕްކޮށް ސަރުކާރުގެ ގުޅުންހުރި ފަރާތްތަކަށް ބަަހަމުންދާތީ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅޭގޮތޮން މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ މިއަދު މަޖިލީހަށް ހާޒިރުވި 37 މެމްބަރުންގެ ތެރެއިން އެންމެ 5 މެމްބަރުންނެވެ. ނުފެންނަކަމަށް 29 މެމްބަރުން ވޯޓުދެއްވިއިރު، ވަކި ގޮތަކަށް ނުފެންނަކަމަށް އެއް މެމްބަރެއް ވޯޓުދެއްވިއެވެ.
ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް މުއްދަތު އެއް އަހަރަށް އިތުރުކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.
މަޖިލީހުން ނިންމީ ޕަބްލިކް އެކައުންޓުން އޯވަރޑްރޯ ކުރެވޭ ލިމިޓަކީ 4.4 ބިލިއަން ރުފިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ