އުރީދޫގެ ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އުރީދޫގެ ހިއްސާއަކަށް 2.34 ރުފިޔާ ނިންމާފައިވަނީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށެވެ.
އަހަރީ އާންމު ޖަލްސާގައި އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން ވަނީ ނިންމާފައެވެ. މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ދަށްވެފައެވެ.
އުރީދޫ މޯލްޑިވްސް މި އަހަރު އޮޑިޓް ކުރަން ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވޯޓާ ހައުސް ކޫޕާސްއެވެ. މީގެއިތުރުން 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓުވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ. 5.64 ޕަސެންޓް ހިއްސާއަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިއްސާއެވެ. އަދި 3.86 ޕަސެންޓް ހިއްސާއަކީ އާންމުންގެ ހިއްސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ